އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ޚިދުމަތް ޖަމިއްޔާ އިން ފަލަސްތީންގެ 120 އާއިލާއަކަށް ފައިސާ ބަހައިފި

އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އަމިއްލަ ޖަމިއްޔާ -- "ޚިދުމަތް"ގެ ފަރާތުން ފަލަސްތީންގެ 120 އާއިލާ އަކަށް ފައިސާގެ އެހީ ދީފި އެވެ.

އިޒްރޭލުން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ހިދުމަތް ޖަމިއްޔާ އިން ވަނީ ފަންޑެއް ހުޅުވާފަ އެވެ.

ހިދުމަތް ޖަމިއްޔާ އިން ބުނީ ލިބުނު އެހީގެ ތެރެއިން ފަލަސްތީންގެ 120 އާއިލާ އަކަށް 200 ޑޮލަރުގެ މަގުން ފައިސާ ބަހާފައިވާ ކަމަށެވެ.

އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެހެން ޖަމިއްޔާއެއް ކަމަށްވާ -- އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިދިޔަ މަހުގެ ތެރޭގައި ވަނީ ފަލަސްތީންގެ 200 އާއިލާއަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާގެ ގޮތުގައި ޖުމްލަ އެއްލައްކަ ޑޮލަރު ބަހާފަ އެވެ.

ފަލަސްތީނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެެސެންޓް (އެމްއާރްސީ) އިން ވެސް ވަނީ ފަންޑެއް ހުޅުވާފަ އެވެ.

އިޒުރޭލުން ފަލަސްތީންގެ ޣާއްޒާ އަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން 10،000 ގާތްކުރާ އަދަދަކަށް ފަލަސްތީންގެ އާންމުން ވަނީ މަރުވެފަ އެވެ.