އުރީދޫ

އުރީދޫ ފަން ރަންނާ އެކު ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭސް

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ "އުރީދޫ ފަން ރަން 2023" ކުރިއަށް ޑިސެމްބަރު މަހު ހުޅުމާލޭގައި ބޭއްވުމަށް ނިންމާ، އެކަން މިއަދު އިއުލާނުކޮށްފި އެވެ.

ފަން ރަންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް (މޫލީ)[http://ore.do/funrun2023] މެދުވެރިކޮށް މިމަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފަން ރަންގައި ކުރިއަށްދާނެ ހާއްސަ ހަރަކާތްތައް އިފްތިތާހްކޮށްފަ އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މި އަހަރުގެ ފަން ރަން އަކީ ހުރިހާ ބައިވެރިންނަށްވެސް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކަކުން ފުރިގެންވާ ދުވަހަކަށް ހެދުމަށް ރާވާފައިވާ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ފުރަތަ ޑްރޯން ރޭސް – އުރީދޫ ޑްރޯން ރޭސް ވެސް އުރީދޫ ފަން ރަން އާއި އެކު ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އުރީދޫ ޑްރޯން ރޭސް ތައާރަފްކޮށް، ފަން ރަން ގެ ހަރަކާތްތަކުގެ އުފާވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑްރޯން ރޭސިންގ ފަދަ ތަފާތު ކުޅިވަރުތައް ތައާރަފްކޮށް، އަޅުގަނޑުމެންގެ އަމާޒަކީ އުފެއްދުންތެރި ކަމާއި ހުނަރު ދައްކާލެވޭ މަޖާ އަދި އުފާވެރި ތަޖުރިބާތައް ފަހިކޮށްދިނުން،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ ޑްރޯން ރޭސް 2023

އުރީދޫ ޑްރޯން ރޭސް އާއި އެކު އުރީދޫ ފަން ރަންގެ ހަރަކާތްތަކަށް މި އަހަރު އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ދެކެ އެވެ.

ކުރިއަށް އޮތް ޑިސެމްބަރު 22ވާ ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގައި ކުރިއަށްގެންދާ އުރީދޫ ޑްރޯން ރޭހުގައި ބައިވެރިވުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ރޭހުން އެއްވަނައަށް ދާ ފަރާތަކަށް ހާއްސަ އިނާމެއް ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޑްރޯސް ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އުރީދޫ ފަން ރަންގެ ޕްރިމިއަމް ޕާޓްނަރު ސްޓެބިސިސް މޯލްޑިވްސް އާއި ގުޅިގެންނެވެ.

ސްޓެބިސިސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނިހާދު ވިދާޅުވީ ރޭހުގެ ބައިވެރިންގެ އަމާޒަކަށް ވާންޖެހޭނީ ހުރަސްތަކާއި ހޫޕްތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯން ރޭސިން ޓްރެކުގައި ވާދަކޮށް އެންމެ އަވަހަށް ރޭސް ނިންމުން ކަމަށެވެ. އުރީދޫ ޑްރޯން ރޭހުގު އިތުރު މައުލޫމާތާއި ރަޖިސްޓްރީވުމުގެ ތަފްސީލް އުރީދޫ މޯލްޑިވްސްގެ އޮފިޝަލް ސޯޝަލް މީޑިއާ ޕޭޖްތަކުން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޑީޖޭއައިގެ އޮތޮރައިޒްޑް ސެލާގެ ހައިސިއްޔަތުން އުރީދޫ ފަން ރަންގެ ޕްރިމިއަމް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްއާ އެކު ބައިވެރިވުމަކީ ސްޓެބިސިސް ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"ޑީޖޭއައިގެ ޑްރޯން، ކެމެރާ ތަކާއި އެކްސެސޮރީޒް ރާއްޖެއަށް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑްރޯން ރޭހުގެ ޕާޓްނަރަކަށްވެ، ޑްރޯން ދުއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިފަދަ ފުރުސަތުތައް ހުޅުވާލައި، ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާތަކެއް އުފެއްދުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނިހާދު ވިދާޅުވި އެވެ.

ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބޭނެ

  • 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެ
  • 200 ރުފިޔާގެ ކިޓްތަކުގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެ

އުމުރުން ހަ އަހަރުން މަތީގެ އެންމެންނަށް ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމޭނެ އެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި ޑިސެމްބަރު 22ވާ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ފަން ރަން ބޭއްވުމަށްފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއް ކުރިއަށްދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ ފަން ރަން އާއި ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތަކުންނާއި ވެބްސައިޓުން މިހާރު ލިބޭނެ އެވެ.