އުރީދޫ

އުރީދޫ މަސްރޭހުގެ ގދ. ތިނަދޫ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންއަށް

އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 – ގދ. ތިނަދޫ ގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންގް ހޯދައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ނިންމާފަ އެވެ.

ގދ. ތިނަދޫގައި މަސްރޭހަށް ރެޖިސްޓާ ކުރި އަށް ޓީމާއެކު މި މުބާރާތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ، ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

އެ ގޮތުން ޗެމްޕިއަންކަން ހޯދި ބްލެކް އޭންޓް ފިޝިންގްއަށް ވަނީ 1665.81 ޕޮއިންޓް ލިބިފަ އެވެ. ދެވަނަ ހޯދި އެމްއައިބީ އަށް 523.25 ޕޮއިންޓް ލިބުނުއިރު ތިންވަނަ ހޯނޑެއްދޫ މަސްވެރިން ހޯދީ 478.85 ޕޮއިންޓާއެކު އެވެ.

އެންމެ ބަރު މަސް ބޭނީ ބްލެކް އޭންޓް ފިޝިންގެ އަބްދުﷲ ދީދީ އެވެ. އޭނާ ބޭނީ 7.15 ކިލޯގެ ހަންޖެކެވެ.

އެންމެ މޮޅު ފިރިހެން ކެޔޮޅަކީ ހޯނޑެއްދޫ މަސްވެރިންގެ ދައުސް ހަސަން އެވެ. އޭނާ ވަނީ 12 މަސް ބާނާފަ އެވެ. އެންމެ މޮޅު އަންހެން ކެޔޮޅަކީ އެމްއައިބީގެ އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީ އެވެ. އެންމެ މޮޅު އަންހެން ކެޔޮޅު ވަނީ ހަތަރު މަސް ބާނާފަ އެވެ.

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ތިނަދޫގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް އެ ކުންފުނިން ވަނީ މަރުހަބާކިޔާފަ އެވެ.