އިޒްރޭލުން ފަލަސްތީންގައި ހިންގާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް ޖިހާދު ކުރުމަށް ދިވެހިންގެ ބަޔަކު ފަލަސްތީނަށް ދިޔަ ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފަލަސްތީންގައި ޖިހާދު ކުރުމަށް ތިން ދިވެއްސަކު އުރުދުންއަށް އެތެރެވެފައިވާ ކަމަށް ބުނެ އެކަމާ ގުޅޭ ޕޯސްޓެއް ފޭސްބުކްގައި ހިއްސާކުރީ އަހްމަދު ފިރާޒް ނަމަކަށް ކިޔާ އައިޑީ އަކުންނެވެ.
މި ޕޯސްޓް ޝެއާކޮށް ޖިހާދަށް ދިޔަ ކަމަށް ބުނާ މީހުންނަށް ވަރަށް ގިނަ ބަޔަކު ވަނީ ހިތްވަރު ދީފަ އެވެ.
ނެޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން މިމައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވީ ނަމަވެސް މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ވަރަށް ހަރުކަށިކޮށް އެކުލަވާލާފައި އޮންނަ ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ބޭރުގެ ހަނގުރާމަތަކަށް ދިއުމާއި، ބައިވެރިވުމާއި އެފަދަ ކަމެއް ހިނގާ ސަރަހައްދަކަށް ދިއުމަކީ މަނާ ކަމެކެވެ.
މީގެކުރިން ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ދިވެހިން ވަނީ ޖިހާދު ކުރުމުގެ ނަމުގައި ސީރިއާ އަށް ދަތުރުކޮށްފަ އެވެ. އެގޮތަށް ސީރިއާ އަށް ދިޔަ މީހުންގެ އަދަދު 170 އަށް ވުރެ މަތި ކަމަށް ކަމާ ގުޅޭ އިދާރާތަކުން ލަފާކުރެ އެވެ. އަދި ބައެއް މީހުން ހަނގުރާމައިގައި ތެރޭގައި މަރުވެފައިވާއިރު ބައެއް ދިވެހިން ތިބީ ސީރިއާގައި ތާށިވެފަ އެވެ.