ޖޭއެސްސީ

ކޮނޑޭގެ އިސް މެޖިސްޓްރޭޓް އަނެއްކާވެސް ސަސްޕެންޑްކޮށްފި

ގއ. ކޮނޑޭގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަނެއްކާވެސް ނިންމައިފި އެވެ.

މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރަން މިދިޔަ ބުދަ ދުވަހު ނިންމީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާނުކުރާކަމާއި، މައްސަލަތަކުގެ ހުކުމާއި، މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރުކުރަންޖެހޭ ކަމަށް ބުނާ މައްސަލަތަކެއް ކޮމިޝަނުން ބެލުމަށްފަހު އެވެ.

މީގެއިތުރުން ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަ ދުވަސްވެ އެ މައްސަލަތަކަށް މުހައްމަދު އިބްރާހީމް އިހްމާލުވެފައިވުމާއި އަދި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި ދައްކަވާކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވުމަކީ ވެސް އޭނާ ސަސްޕެންޑް ކުރަން ނިންމާފައިވާ ސަބަބެކެވެ.

ޖޭއެސްސީ އިން މުހައްމަދު އިބްރާހީމް ސަސްޕެންޑް ކުރަން ނިންމީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ. ސަސްޕެންޑް ކޮށްފައި ހުންނަ މުއްދަތުގައި ވަޒީފާގެ މަސައްކަތަށް ނުކުތުންވެސް އޭނާއަށް ވަނީ މަނާކޮށްފަ އެވެ.

ޖޭއެސްސީ އިން މީގެކުރިން މިދިޔަ އަހަރުގެ މާޗް 16 ވަނަ ދުވަހުވެސް ވަޒީފާ ނިކުތުން މަނާވާ ގޮތަށް އަދި މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް މުހައްމަދު އިބްރާހީމް ސަސްޕެންޑް ކޮށްފައިވެ އެވެ. މުހައްމަދު އިބްރާހީމް އޭރު ސަސްޕެންޑް ކުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، އޭނާގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި އޭނާ ސޮއި ކުރައްވާފައި ހުރެގެންނެވެ.