ދުނިޔެ

ޔުކްރޭން ހަނގުރާމާގައި މަރުވި އާންމުންނަށް ވުރެ ޣައްޒާ ހަނގުރާމާގައި މަރުވި އާންމުން ގިނަ

ފެބްރުއަރީ 24، 2022 ގައި ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ފަށައިގަތް އުދުވާނީ ހަމަލާތަކުގައި -- މިހާތަނަށް މަރުވި މީހުންގެ އަދަދަށް ވުރެ، އޮކްޓޯބަރު ހަތެއްގައި ޔަހޫދީ ސިފައިން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި -- މަރުވި އާންމުންގެ އަދަދު މާބޮޑަށްވެސް އިތުރުވެއްޖެ އެވެ.

ޔުކްރޭން ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. ދޮޅު އަހަރު -- 620 ދުވަސް ވަނީ ފާއިތުވެފަ އެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުން މި ހަނގުރާމާގައި މިހާތަަނަށް 9،806 މީހަކު ވަނީ މަރުވެފަ އެވެ.

ޣައްޒާ ހަނގުރާމައަށް ފުރުނީ 30 ދުވަހެވެ. މަރުވި އާންމުންގެ އަދަދަކީ 10،022 އެވެ. މިއީ ހޮސްޕިޓަލުތަކުން -- ޣައްޒާގައި ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީގެ ރަސްމީ ލިޔުންތަކުން ދައްކާ އަދަދެވެ.

ޣައްޒާގެ އިމާރާތްތަކަށް ޔަހޫދީ ފައިޓަ ޖެޓުތަކުން އެޅި ބޮންތަކުގެ ސަބަބުން އިމާރާތްތަކުގެ ދަށުވެފައި އަދި ރޮކެޓް ހަމަލާތަކުގައި ފަސްގަނޑު އަޑީގައި ވަޅުލެވިފައި ތިބި މީހުން މި އަދަދުގައި ނުހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ޣައްޒާއިން މަރުވި އާންމުގެ ތެރޭގައި 4،104 ކުދިން އަދި 2،641 އަންހެނުން ހިމެނެ އެވެ. ލިބުނު ޒަޚަމްތަކަށް 24،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދޭން ޖެހިފައިވާ ކަމަށްވެސް ސިއްހީ ވުޒާރާއިން ބުނެ އެވެ.

ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދިތަކަށް އަރައިގަތުމާ ގުޅިގެން ރޯވި އަލިފާނގަނޑުގައި ޔަހޫދީންގެ ވަކިވަކި ފަރުދުންގެ ކިބައިން ފަލަސްތީންގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގައި 155 މީހަކު ވެސް ވަނީ މަރުވެފަ އެވެ.

ހަނގުރާމައެއްގައި މަރުވާ ސިފައިންނަށް ވުރެ އާންމުންގެ އަދަދު ގިނަވެއްޖެނަމަ އެ ހިންގަނީ ގަތުލުއާންމެއް ކަމަށް ބެލިދާނެ އެވެ. ޔަހޫދީންގެ ހަމަލާތައް ގަދަފަދަ ވެފައި ހޮސްޕިޓަލް ތަކަށާއި، ރެފިއުޖީ ކޭމްޕްތައް، ސްކޫލްތައް އަދި އާންމުން ގިނައިން އެއްވެ އުޅޭ ބާޒާރުތަކަށް ހަމަލާދިނުމަކީ ގަތުލުއާންމެއްކަން ކަށަވަރުކޮށްދޭ ކަމެކެވެ.

މިހެން ކަން އޮތުމުން، ހަމާސް ނައްތާލުމުގެ ނަމުގައި ޔަހޫދީ ސަރުކާރުން ޣައްޒާއާ ދެކޮޅަށް މިހާރު އެ ހިންގަނީ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމެކެވެ.

އަނެއްކޮޅުން ޣައްޒާ ދެބައިކޮށް، އުތުރުގައި ތިބިހާ ބަޔަކު ދެކުނަށް ޖައްސައި، ޔަހޫދީންގެ ބާރުގެ ދަށަށް ޣައްޒާ ގެންދިއުމަކީ ވެސް ޔަހޫދީން ހިންގަމުން ގެންދާ ޖަރީމާތަކުގައި އިންސާނިއްޔަތު ކަމެއް ނެތްކަން ސާބިތުކޮށްދޭ ކަމެކެވެ.