ދުނިޔެ

ސާބިއާގައި އިޒުރޭލު އެމްބަސީއަށް ހަމަލާދީފި

ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހުންނަ އިޒުރޭލު އެމްބަސީއަށް ޓެރަރިސްޓް ހަމަލާއެއް ދީފި އެވެ.

މި ހަމަލާގައި އެމްބަސީގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ދާހިލީ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

ދާހިލީ ވަޒީރު އިވިޗާ ދާޗިޗް ވިދާޅުވީ ހަމަލާދިން ވަގުތު -- ހޮނިހިރު ދުވަހު އެމްބަސީގައި އެއްވެސް މުވައްޒަފަކު ނޫޅޭ ކަމަށެވެ.

އިވިޗާ ދާޗިޗް ވިދާޅުވި ގޮތުގައި އެމްބަސީ މުވައްޒަފަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ހަމަލާގެ ޒާތުން އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިޒުރޭލު އެމްބަސީއަށް ހަމަލާދިނުމުގެ ކުރިން އެމްބަސީ ދޮށުގައި ހުރި ފުލުހަކަށް ހަމަލާދީ މަރާލާފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެމްބަސީއަށް ދިން ހަމަލާ އަކީ ފަނާކުރަނިވި ހަމަލާ އެކެވެ. އަމަން ބަލަހައްޓާ އިދާރާތަކުގެ ހުޝިޔާރުކަމުން ބޮޑު ގެއްލުމެއް ނުދެވުނީ އެވެ.

މި ހަމަލާގެ ތަހުގީގަށް ހަމަލާއާ ގުޅުމެއް ނެތް ބަޔަކުވެސް ހައްޔަރުކުރަން ޖެހިދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހަމަލާދިން ވަގުތު އެމްބަސީ ދޮށުން ހިނގާފައި ދިޔަ ބައެއް މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ސާބިއާގެ ބޮޑުވަޒީރު މައިލޮސް ވޫޗެވިޗް ވިދާޅުވި ގޮތުން ހަމަލާ ދިނީ ކޮން ބޭނުމެއްގައިކަން އަދި އެނގިފައެއް ނެތެވެ. ހަމަލާދިން މީހުންނާއި ބޭނުން ހޯދައި ބެލުމުގެ ގާބިލުކަން ސާބިއާއަށް ލިބިފައި ހުރި ކަމަށްވެސް ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ އިޒުރޭލު އެމްބަސީއަކަށް މިދުވަސްވަރު ހަމަލާދޭނީ ފަލަސްތީނަށް ތާއީދުކުރާ ބަޔަކު ކަމަށެވެ.

ސާބިއާ އަކީ ސިޔާސީ ގޮތުން އިޒުރޭލާ ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް އޮންނަ ގައުމެއް ނަމަވެސް ބައިނަލްއަގްވާމީ މިންގަނޑުން ބޭރުނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުން ޣާއްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ބައެއް އެހެން ގައުމުތަކުގައި ވެސް ވަނީ އިޒުރޭލުގެ އެމްބަސީތަކަށް ހަމަލާ ދީފަ އެވެ. އަދި އިޒުރޭލުގެ އާންމުންނަށްވެސް ބައެއް ގައުމުތަކުގައި ހަމާލާދެ އެވެ.