ދުނިޔެ

ޣައްޒާއިން ކުނި ސާފުކުރަން 15 އަހަރު ބޭނުންވާނެ: އަންރާ

ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލު ސިފައިން ދިން އަނިޔާވެރި ހަމަލާތަކުގައި ސުންނާފަތިވެފައި ހުރި އިމާރާތްތަކުން ކުނިނަގައި ފޮޅާ ސާފުކުރަން ގާތްގަނޑަކަށް 15 އަހަރު ބޭނުންވާނެ ކަމަށް ޔޫއެން އެޖެންސީ ފޮ ފެލަސްޓައިން ރެފިއުޖީ (އަންރާ) އިން ބުނެފި އެވެ.

އަންރާ އިން ބުނީ ޣައްޒާއިން ކުނި ނަގައި ފޮޅާ ސާރުކުރުމުގެ މަސައްކަތްތަކަށް އެކަނިވެސް 500 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހޭދަކުރަން ޖެހޭނެ ކަމަށެވެ.

އަންރާ އިން އަންދާޒާކުރާ ގޮތުން ޣައްޒާގައި އުކާލަންޖެހޭ 40 މިލިއަން ޓަނުގެ ކުނި އެބަހުއްޓެވެ. ކުނިތައް އުކާލަން 100 އަށް ވުރެ ގިނަ ލޮރީ ބޭނުންވާނެ ކަމަށް ލަފާކުރެ އެވެ.

މިއީ ޔޫއެން އެންވިރަންމެންޓް ޕްރޮގްރާމް (ޔުނެޕް) އިން އަންދާޒާކުރި ރިޕޯޓަށް ރިއާޔަތްކޮށް އަންރާ އިން ބުނި ބުނުމެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، 50،000 ބޮން ބޭނުންކޮށްފައި ވާނެ ކަމަށް އިޒުރޭލުގެ އަސްކަރީ ރޭޑިއޯ އިން ބުންޏެވެ. އަދި 2،000-3،000 ދެމެދުގެ އަދަދެއްގެ ބޮން ނުގޮވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޣައްޒާ ކަހަލަ ވަށައިގެން ބައްދާފައި އޮތް ބިމަކަށް އަދި އާބާދީން ތޮއްޖެހިފައި އޮތް އަވަށަކަށް 50،000 ބޮން އަޅާފައި ވާއިރު، އެތަނުގެ ހާލަތާ މެދު ވިންނާނެ ގޮތެއްވެސް ނޭނގެ އެވެ.

އިޒުރޭލުން ދިން ފަނާކުރަނިވި ހަމަލާތަކުގައި، ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެން ކޮށްފައި ހުރި ހުރިހާ މަސައްކަތެއް ވަނީ ބިމާހަމަކޮށްލާފަ އެވެ.

ގެދޮރި ގެއްލި ދަނޑުބިންތައް ނެތިގޮސް އަދި ވަންނާނެ ތަނެއް ނެތި އެތައް ހާސް ބަޔަކު ވަނީ މަގުމަތިވެފަ އެވެ.

އދ އާއި އިންސާނިއްޔަތަށް އެހީދޭ ޖަމާއަތްތަކުން ހަމަލާތައް ހުއްޓާލަން އިޒުރޭލަށް އިލްތިމާސްކުރި ނަމަވެސް ޒަޔަނިސްޓުންގެ ހަމަލާތަކަށް އަހަރުވާން އަންނައިރުވެސް އިޒުރޭލުގެ ވިސްނުމަށް ބަދަލެއް ނާދެ އެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ އިޒުރޭލު ސިފައިން ޣައްޒާއަށް ވަދެގަނެ ވަނީ ބޮޑެތި ޖަރީމާތައް ހިންގާފަ އެވެ.

ޣައްޒާގެ ހާލަތު މިފަދައިން އޮތް ނަމަވެސް އެމެރިކާ އާއި ބައިވެރިން އަދިވެސް ވަކާލާތުކުރަނީ އިޒުރޭލަށް ނުރައްކާ އޮތް ކަމަށް ބުނެ އެވެ. އަދި އަސްކަރީ ގޮތުން އިޒުރޭލަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށްވެސް މި ގައުމުތަކުން ވަނީ ބުނެފަ އެވެ.