ހުޅުމާލޭގެ ބިންތަކެއް ކުއްޔަށް ދިނުން މަޑުޖައްސާލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯ އަށް އަންގާފައި ވަނިކޮށް އެކަން ކުރިއަށް ގެންދާ ކަމަށް ބެލެވިގެން އޭސީސީ އިން އާބަންކޯ އަށް ވަދެއްޖެ އެވެ.
އޭސީސީގެ ތަހުގީގު ޓީމެއް އާބަންކޯގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ކޮމިޝަނުން ޔަގީންކޮށްދެ އެވެ. އެ ކޮމިޝަނުން ބުނީ ކޮމިޝަންގެ ތަހުގީގު ޓީމެއް މިއަދު އާބަންކޯ އަށް ވަދެފައިވާ ކަމަށާއި ބަލަމުންދަނީ ބިންތަކެއް ކުއްޔަށް ދޭން އުޅޭ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން ހިންގާ ތަހުގީގަށް އޭސީސީގެ ޓީމެއް އިއްޔެގެ ވަގުތެއްގައި ވަނީ ޕްލޭނިން މިނިސްޓްރީއަށް ވެސް ވަދެފަ އެވެ.
ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރަންވެސް އޭސީސީން މިދިޔަ އާދިއްތަ ދުވަހު ވަނީ ޕްލޭނިން މިނިސްޓްރީއަށް އަންގާފަ އެވެ.
އޭސީސީން މިދިޔަ އާދިއްތަ ދުވަހު ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭ 4000 މީހުން ކަނޑައަޅައި ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ބަޔަކު ކޮމިޝަނަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ އަދި އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް އޭސީސީ އިން ވަނީ ޕްލޭނިން މިނިސްޓްރީއަށް އަންގާފަ އެވެ.
ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް މިމަހުގެ ނުވަވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.