އާބަންކޯ

އޭސީސީ އިން އާބަންކޯގައި އަޅުވާފައިވާ "ތަޅު" ނައްޓަން މަޖިލީހަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ބައެއް ކަންކަން ނުކުރަން އާބަންކޯއަށް އެންގުމުން އެ ކުންފުނީގެ ބައެއް މަސައްކަތްތައް މުޅިން ހުއްޓިފައިވާތީ ޕްރައިވަޓައިޒޭޝަން ބޯޑާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ލަފާ ހޯދަން އާބަންކޯ އިން ނިންމައިފި އެވެ.

އޭސީސީ އިން ބަލަމުންދާ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން އާބަންކޯ އިން ވިއްކަން އުޅުނު ބިންތަކެއްގެ އެއްވެސް މުއާމަލާތެއް ކުރިއަށް ނުގެންދިއުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު އޭސީސީ އިން އޮތީ އާބަންކޯ އަށް އަންގާފަ އެވެ. އެކަމަކު އާބަންކޯ އިން އެ މުއާމަލާތްތައް ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަމަށް ބެލެވިގެން އޭސީސީގެ ތަހުގީގު ޓީމެއް އިއްޔެ ވަނީ އާބަންކޯއަށް ވަދެފަ އެވެ.

އޭސީސީ އިން ނުކުރަން އެންގި ފަސް ކަންތައް

  • ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތައް މެދުކަނޑާލުން
  • ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާ ގުޅޭ ކަންކަން މަޑުޖައްސާލުން.
  • މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި މިވަގުތު ސޮއި ނުކުރުން.
  • އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަންކަން މަޑުޖައްސާލުން
  • ޖޮއިންޓް ވެންޗާ އުސޫލުން ކުރިއަށް ގެންދާ ކަންކަން މެދުކަނޑާލުން.

އާބަންކޯ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އޭސީސީގެ އެންގުމާ ގުޅިގެން އެ ކުންފުނިން ހިދުމަތް ދޭން ޖެހޭ ފަރާތްތަކަށް ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތައް ކުރިމަތިވެ އެ ކުންފުންޏަށާއި އެތަނުން ހިދުމަތް ހޯދަމުންދާ މީހުންނަށް މާލީ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

އޭސީސީ އިން ބައެއް ކަންކަން މަޑުޖައްސާލަން އެންގިއިރު އެއީ ވަކި މަސައްކަތެއް ނުވަތަ މަޝްރޫއަކާ ގުޅުވައި އެންގި އެންގުމަކަށް ނުވާތީ އެ އެންގުމުގެ ސަބަބުން ކުންފުނި މުޅިން ހުއްޓުމަކަށް ގޮސްފައިވާ ކަމަށްވެސް އާބަންކޯގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.