އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ ގެންގުޅުން އެންވަޔަރަންމަންޓަލް ޕޮރްޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަނާކޮށްފި އެވެ.
އީޕީއޭ އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އިރުވައި މޫސުމާ ދިމާކޮށް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެ ހިޖުރަކުރަމުންދާ ކަމަށެވެ. އެހެންކަމުން ހިމާޔަތް ކޮށްފައިވާ އެފަދަ ދޫނިތައް ހިފާ ގެންގުޅުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކޮށްފައިވާ ކަމެއް ކަމަށް ހަނދާންކޮށްދީފައިވެ އެވެ.
އީޕީއޭ އިން ބުނީ ރާއްޖެއަށް ހިޖުރަކުރާ މިފަދަ ދޫނިތައް ރައްކާ ތެރިކުރުމަކީ ދިވެހިރައްޖޭގެ ދިރުންތަކުގެ މުއްސަނދިކަން އިތުރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރާ ދިމާކޮށް ރާއްޖެ އަންނަ ދޫނިތައް ހިފައިގެން ވިޔަފާރިކުރުމަށާއި މުނިފޫހި ފިލުވުމަށް ގެންގުޅޭތީ އެގޮތަށް އެކަން ނުކުރުމަށްވެސް އީޕީއޭ އިން އެދިފައިވެ އެވެ.
ގަވާއިދާ ހިލާފަށް ދޫނި ހިފާ ގެންގުޅޭނަމަ އެ މައުލޫމާތު ލަސްނުކޮށް އީޕީއޭ އަށް ހިއްސާކުރުމަށްވެސް ސާކިއުލާގައި އެދިފައިވެ އެވެ. ހަދާފައިވާ ގަވާއިދުތަކަށް ހުރިހާ އެންމެން އަމަލުކުރުމަށް އީޕީއޭ އިން އެދިފައިވެ އެވެ.