ސުޕްރީމް ކޯޓް

އީވާ ނެތަސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސް ފިޔަވާ އެހެން ބޭފުޅަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ނިންމާ މަޖިލީހުގެ ގަވައިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަމަށާއި މަޖިލިސް ހުއްޓިގެންދާ ގޮތަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދާތީ އެކަމަށް ހައްލެއް ހޯދުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ -- އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައި ނިންމާ ކުރި ހުކުމް ގައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންވެސް ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާ މަޖިލީހުގެ ނައިބް ރައީސް ނެތް ނަމަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅުއްވާފައިވާ ބޭފުޅުންގެ ތެރެއިން ބޭފުޅެއްގެ ރިޔާސަތުގައި އެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އިއްތިފާގުވެފަ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާއި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށްވެސް މައްސަލައިގައި އެދިފައިވެ އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބް ރައީސް ކަމަށެވެ. ނައިބު ރައީސްއަށް އެ ޖަލްސާގެ ރިޔާސަތު ނުބަލަހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ އިތުރު ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެ އެވެ. މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ނެތް ހާލަތްތަކުގައި މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންގެ ވާހަކަ އެެވެ.

މިމައްސަލައިގައި ހުކުމް އިއްވަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އިއްވި ރައުޔުގައި ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.

ދުސްތޫރީ މިމައްސަަލައަށް ޕީޕީއެމް ޕީއެންސީއާއި ދަ ޑިމޮކްރެޓްސް ތަދައްޚުލްވި އެވެ. މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އަދި އެ ދެ ބޭފުޅުން ނެތް ވަގުތުތަކުގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުގައި މިފަހުން އާންމުކޮށް ބަލަހައްޓަވަމުން ގެންދަވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަކީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުންނެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ފިޔަވާ އެއް ހަފްތާ ވަންދެން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރި އެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވާތީ އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުގެންދެވުނެވެ.