ހަބަރު

ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އދ. އިން ގޮވާލައިފި

ރާއްޖޭގެ ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އދ. އިން ގޮވާލައްވައިފި އެވެ. އދ އިން އެކަމަށް ގޮވާލެއްވީ، ރާއްޖެއަށް ޒިޔާރަތް ކުރަރެއްވި، އެ ޖަމާއަތުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މިރޯސްލެވް ޖެންކާގެ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު ނެރުއްވި ސްޓޭޓްމަންޓެއްގަ އެވެ.

މިރޯސްލެވް ޖެންކާގެ ދަތުރުފުޅާ ގުޅޭ ގޮތުން ޔޫއެން ނިއުސް ސެންޓަރުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، މިރޯސްލެވް ޖެންކާ، ރާއްޖޭގެ ރައީީސް އަބްދުﷲ ޔާމީންއާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ޑިމޮކްރަސީ ހަރުދަނާކޮށް އިތުރަށް ވަރުގަދަކުރުމަށާއި ޝަރުއީ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ޖެންކާ ރާއްޖެއަށް ގޮވާލެއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ސަރުކާރުން އިސްނެގި ނެގުމަށް އދ އިން މަރުހަބާ ކިޔާ ކަމަށް ރައީސްގެ އަރިހުގައި އޭނާ ދެންނެވި ކަމަށް ބަޔާނުގައިވެ އެވެ. އަދި އެ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފެށުމަށް އދ އަށް ވެދެވެން ހުރި އެހީތެރިކަމެއް ވެދެއްވުމަށް ހުށަހެޅުއްވި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ރާއްޖޭގެ ހުރިހާ ފަރާތްތަކާ ވެސް ގުޅިގެން ގައުމުގެ ތަރައްގީއަށް އދ އިން މަސައްކަތްކޮށް އެއްބާރުލަމުން އަންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ރާއްޖެއަށް ދެއްވި ކަމަށް ބަޔާނުގައިވެ އެވެ.

ޖެންކާ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި، ވޯލްޑް ހިއުމަންޓޭރިއަން ސަމިޓްގެ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ހިޖުރަކުރުމާއި ރެފިއުޖީންގެ މައްސަލައާ ގުޅޭ ގޮތުން ވެސް ދުންޔާ އަދި ޖެންކާ މަޝްވަރާކޮށްފައިވާ ކަމަށް ޔޫއެން ނިއުސް ސެންޓަރުން ބުނެ އެވެ. މީގެއިތުރުން ވެސް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމުގެ ހަރަކާތްތައް ހުއްޓުވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް އެކަމުގައި އެއްވެސް

ޖެންކާގެ ދެ ދުވަހުގެ ދަތުރުފުޅުގައި، އެޓާނީ ޖެނަރަލް މުހައްމަދު އަނިލް، ރައީސް އޮފީހުގެ ލީގަލް އެފެއާސް މިނިސްޓަރު އާޒިމާ ޝުކޫރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މީގެއިތުރުން ވެސް ސިޔާސީ ޕާޓީތަކާ ޖެންކާ ވަނީ ބައްދަލުކުރައްވާފަ އެވެ. އެގޮތުން އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީޕީ، އެމްޑީއޭ އަދި ޕީޕީއެމްއާ ޖެންކާ ބައްދަލުކުރެއްވި އެވެ.

ޖެންކާ ވަނީ އދ.ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ހޭދަކޮށްފައިވާ 50 އަހަރަށް ތައުރީފުކުރައްވާފަ އެވެ. ދުނިޔޭގެ ބޮޑެތި މައްސަލަތަކުގައި ރާއްޖޭގެ ބައިވެރިވުން ޖެންކާ ފާހަގަކުރެއްވި އެވެ. އެގޮތުން ސަސްޓޭނަބަލް ޑިވެލޮޕްމެންޓް ގޯލްސް އަދި ޕެރިސް އެގްރިމެންޓް އެކުލަވާލައި އަމަލުކުރުމުގައި ރާއްޖެ ކުޅުނު ރޯލަށް ޖެންކާ ތައުރީފުކުރެއްވި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނެފަިއވަނީ ޖެންކާ ރާއްޖެއަށް ޒިޔާރަތްކުރެއްވީ ސަރުކާރުގެ ދައުވަތަކަށް ކަމަށެވެ. މި ދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ބައެއް ކަންކަން ވަނީ އދ. އާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ސަމާލުކަމަށް އައިސްފަ އެވެ.