ދިރާގު

ދިރާގު ރޯޑް ރޭހުގައި ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި ދިރާގު ރޯޑް ރޭސް ކާމިޔާބު އިވެންޓަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ވޮލަންޓިއަރުންނާ ޕޭސާސްގެ އަގުވަޒަންވެސް ކުރި އެވެ.

މިއަހަރުގެ އިވެންޓްގައި ރަންވަނަތައް ހާސިލްކުރި 31 ފަރާތަކަށް ޖުމްލަ 39 އެވޯޑް ހަވާލުކޮށްފާވާއިރު މީގެތެރޭގައި ހާފް މެރެތަން ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރު އޯޕަން، ފަސް ކިލޯމީޓަރު ސްކޫލް – 13 އަހަރުން މަތީގެ އަދި ފަސް ކިލޯމީޓަރު - ސްކޫލް 13 އަހަރުން ދަށުގެ ކެޓެގަރީ ހިމެނެ އެވެ. ވަނަވަނަ ހާސިލް ކުރި އެތުލީޓުންގެ ތެރޭގައި ރާއްޖޭގެ 14 ދުވުންތެރިންނާއި ބައިނަލްއަގުވާމީ ފަސް ދުވުންތެރިންގެ އިތުރުން 12 ސްކޫލް ކުދިން ހިމެނެ އެވެ.

ހާފް މެރެތަންގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާއިރު ރަނަރަޕް އަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕް އަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފަ އެވެ. އަދި 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރު އޯޕަން ކެޓެގަރީގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕް އަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ފަސް ކިލޯމީޓަރު ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ގިފްޓް ވައުޗަ ހަވާލުކޮށްފަ އެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ. އެގޮތުން ދިރާގުން ވަނީ ޖުމްލަ ގޮތެއްގައި އޯވަރޯލް އަދި ލޯކަލް ކެޓެގަރީގެ ވަނަވަނަ ހާސިލްކުރި ފަރާތްތަކަށް ހަތަރު ލައްކައެއްހާ ރުފިޔާގެ އަގުހުރި އިނާމު ވަނީ ހަވާލުކޮށްފަ އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ރޭހުގެ ވަނަތައް ހާސިލްކުރި ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ދަންނަވާ، އެފަރާތްތަކުން ހޯދި ކާމިޔާބީގެ އަގުވަޒަންކޮށްފަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ހަމައެކަނި ގައުމީ އަދި ބައިނަލްއަގްވާމީ ދުވުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެއް އިތުރުން މިދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއެއްގެ ފިޔަވަޅަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްކަން ފާހަގަކުރެއްވި އެވެ.

މި ހަފްލާގައި ދިރާގުން ވަނީ ޖުމްލަ 635,000 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެންޖީއޯތަކަށް ވެސް ހަދިޔާކޮށްފަ އެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފަ އެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެންޖީއޯއަށް ހަވާލުކޮށްފަ އެވެ. މިގޮތުން ޓޮޕް ފަސް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 76،250 ރުފިޔާ އަދި ބާކީ ހަތް އެންޖީއޯތަކުގެ ތެރެއިން ކޮންމެ އެންޖީއޯއަކަށް 36،250 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރުވެސް 4،000 އަށް ވުރެ ގިނަ ބައިވެރިން ރެޖިސްޓާ ކުރިއިރު 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވި އެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުންވެސް ބައިވެރިވި އެވެ. މީގެތެރޭގައި އަތޮޅުތެރޭގެ ހަތް ސްކޫލެއްވެސް ހިމެނެ އެވެ.

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވާނެ ކަމަށްވެސް އިއުލާންކޮށްފަ އެވެ.

މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިނާމު ލިބުނު ފަރާތްތަކަކީ:

1
 

ހާފް މެރެތަން – ފިރިހެން

  • ކިރަން ސިންގް ބޮގާޓީ ރާޖްވަރް (ނޭޕާލް) - އޯވަރޯލް ޗެމްޕިއަން
  • ޔޫސުފް އިބްރާހިމް - ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ރަނަރަޕް
  • ޗާލްސް ކިޕްކޯރިރް ކިޕްސަންގް (ކެންޔާ) - އޯވަރޯލް ސެކަންޑް ރަނަރަޕް
  • ހުސައިން ފަޒީލް ހާރޫން – ލޯކަލް ރަނަރަޕް
  • ޝިފާޒް މުހައްމަދު - ލޯކަލް ސެކަންޑް ރަނަރަޕް
2
 

ހާފް މެރެތަން – އަންހެން

  • ޕެނީނާ ޖެޕްކޮއެޗް ކިގެން (ކެންޔާ) - އޯވަރޯލް ޗެމްޕިއަން
  • ފުލްމަތީ ރަނާ (ނޭޕާލް) – އޯވަރޯލް ރަނަރަޕް
  • މަރިޔަމް އަބްދުލްކަރީމް - ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ސެކަންޑް ރަނަރަޕް
  • އައިޝަތު ރިޝްމީ – ލޯކަލް ރަނަރަޕް
  • މަރިޔަމް މާޔަން މުހައްމަދު – ލޯކަލް ސެކަންޑް ރަނަރަޕް
3
 

ދިހަ ކިލޯމީޓަރު ފިރިހެން

  • ޑޭވިޑް ކިޕްކޮޗް ބިރިރް (ކެންޔާ) – އޯވަރޯލް ޗެމްޕިއަން
  • ހުސައިން ރިޒާ - ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ރަނަރަޕް
  • މުހައްމަދު ފަވާޒް – ލޯކަލް ރަނަރަޕް އަދި އޯވަރޯލް ސެކަންޑް ރަނަރަޕް
  • ރިޒާން ރަޝީދު – ލޯކަލް ސެކަންޑް ރަނަރަޕް
4
 

ދިހަ ކިލޯމީޓަރު އަންހެން

  • ޝަލްޝަލް މުބީން ޖަލީލް – އޯވަރޯލް ޗެމްޕިއަން
  • ރަސޯނާ އަހުމަދު ވަހީދު - އޯވަރޯލް ރަނަރަޕް
  • އަނާން އަހުމަދު ރަޝީދު - އޯވަރޯލް ސެކަންޑް ރަނަރަޕް
5
 

ފަސް ކިލޯމީޓަރު އޯޕަން – ފިރިހެން

  • ޑޭވިޑް ކިޕްކޮޗް ބިރިރް (ކެންޔާ) - އޯވަރޯލް ޗެމްޕިއަން
  • ކިރަން ސިންގް ބޮގާޓީ ރާޖްވަރް (ނޭޕާލް) - އޯވަރޯލް ރަނަރަޕް
  • ހުސައިން ފަޒީލް ހާރޫން – ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ސެކަންޑް ރަނަރަޕް
  • ހުސައިން ރިޒާ – ލޯކަލް ރަނަރަޕް
  • ޔޫސުފް އިބްރާހިމް – ލޯކަލް ސެކަންޑް ރަނަރަޕް
6
 

ފަސް ކިލޯމީޓަރު އޯޕަން – އަންހެން

  • ޕެނީނާ ޖެޕްކޮއެޗް ކިގެން (ކެންޔާ) - އޯވަރޯލް ޗެމްޕިއަން
  • ޕުލްމަތީ ރަނާ (ނޭޕާލް) - އޯވަރޯލް ރަނަރަޕް
  • މަރިޔަމް އަބްދުލްކަރީމް - ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ސެކަންޑް ރަނަރަޕް
  • ނިޒްމީނާ އަހުމަދު – ލޯކަލް ރަނަރަޕް
  • އާމިނަތު ޖައިޝާ ޖުނީޒް – ލޯކަލް ސެކަންޑް ރަނަރަޕް
7
 

ފަސް ކިލޯމީޓަރު ސްކޫލް 13 އަހަރުން މަތީގެ - ފިރިހެން

  • އަބްސަލް އަބްދުالله އާދަމް - މަޖީދިއްޔާ ސްކޫލް - ޗެމްޕިއަން
  • ސުހައިލް އަބްދުލް ސަމަދު - އިރުޝާދިއްޔާ ސްކޫލް - ރަނަރަޕް
  • މުހައްމަދު އަޔާން ޝަފީއު - މަޖީދިއްޔާ ސްކޫލް - ސެކަންޑް ރަނަރަޕް
8
 

ފަސް ކިލޯމީޓަރު ސްކޫލް 13 އަހަރުން މަތީގެ - އަންހެން

  • އާމިނަތު ލުމާ އަސްލަމް - ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް - ޗެމްޕިއަން
  • އައިޝަތު ބިންތު އަހުމަދު - އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ނެޓް ޓައިމް)
  • ތަނާ އަލީ ޝާހީން - ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ގަން ޓައިމް)
9
 

ފަސް ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށުގެ - ފިރިހެން

  • އިސްމާއިލް މުލްހަމް އާޒިމް - އިމާދުއްދީން ސްކޫލް - ޗެމްޕިއަން
  • ޔުއާން އަޚްތަރު ޒާހިރް - ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް
  • ޔަހްމަދު ބިން އަފްރާހު - ރެހެންދި ސްކޫލް - ސެކަންޑް ރަނަރަޕް
10
 

ފަސް ކިލޯމީޓަރު ސްކޫލް 13 އަހަރުން ދަށުގެ - އަންހެން

  • މަރިޔަމް ޒައިން ޒިޔާއު - ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް - އޯވަރޯލް ޗެމްޕިއަން (ނެޓް ޓައިމް)
  • ކްލާރާ ސަރީނާ އާސިފް - ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް - ޗެމްޕިއަން (ގަން ޓައިމް)
  • އައިޝަތު މަލީކާ ޒަމީރު – އިސްކަންދަރު ސްކޫލް - ރަނަރަޕް