ދުނިޔެ

ނަތަންޔާހޫ ގޮވައިގެން ކޮލަމްބިއާއިން ކްރިމިނަލް ކޯޓަށް

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގޮވައިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ދިއުމަށްޓަކައި އޭނާ ސަރުކާރުގެ ގާނޫނީ ޓީމުން ލިޔުންތައް ތައްޔާރުކުރަމުން އަންނަ ކަމަށް ކޮލަމްބިއާގެ ރައީސް ގަސްޓާވޯ ޕިތުރޯ ވިދާޅުވެއްޖެ އެވެ.

ގަސްޓާވޯ ޕިތުރޯ ވިދާޅުވި ގޮތުގައި ބެންޖަމިން ނަތަންހޫ ގޮވައިގެން ދުނިޔޭގެ ކޮންމެ ކޯޓަކަށް ވެސް ވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމަށެވެ.

މިއީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ގަސްޓާވޯ ޕިތުރޯ ޔަހޫދީ ބޮޑުވަޒީރަށް އިންޒާރުދެއްވައި -- އޭނާ ގޮވައިގެން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ދެވަނަ ފަހަރު އެވެ.

ގަސްޓާވޯ ޕިތުރޯ ވިދާޅުވި ގޮތުގައި ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއެކެވެ. އޭނާއާ މެދު ދުނިޔޭގެ ކޯޓުތަކުން ކުށްވެރިއެއް ގޮތަށް ބަލައި ފަލަސްތީންގެ އާންމު ރައްޔިތުންާ ދެކޮޅަށް އޭނާ ހިންގަން އަމުރުކުރި ޖަރީމާތައް ބަލަން ޖެހޭނެ ކަމަށް ވެސް ކޮލަމްބިއާގެ ރައީސް ވިދާޅުވި އެވެ.

ބެންޖަމިން ނަތަންޔާހޫ ގޮވައިގެން އިންޓަނޭޝަލް ކްރިމިނަލް ކޯޓަށް ދާނެ ކަމަށް އަލްޖީރިއާއިން ވެސް އޮތީ ބުނެފަ އެވެ.

ކޮލަމްބިއާގެ ރައީސް އަލްޖީރިއާއަށް އިޝާރާތްކުރައްވައި ވިދާޅުވީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ބެންޖަމިން ނަތަންޔާހޫ ހާޒިރުކުރަން އަލްޖީރިއާއިން ކުރާ ހުރިހާ ކަމަކަށް ކޮލަމްބިއާގެ ތާއީދު -- އަމަލީ ގޮތުންނާއި މާލީ ގޮތުން އޮންނާނެ ކަމަށެވެ.

އެކްސްގައި (ޓްވިޓާގައި) މެސެޖްކުރައްވައި ޕިތުރޯ ވިދާޅުވީ ކޮލަމްބިއާގެ ޚާރިޖީ ވަޒީރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިޔުޓަރުންނާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި ނަތަންޔާހޫ ހަނގުރާމައިގެ ކުށްވެރިއެއް ގޮތުގައި ރެޖިސްޓްރީ ކުރުމަށް މަސައްކަތް ފައްޓަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަތަންޔާހޫއާ ދެކޮޅަށް އަލްޖީރިއާއިން ހިންގާ އޮޕަރޭޝަންގައި، ޔަހޫދީ ބޮޑުވަޒީރަކީ ހަނގުރާމައިގެ ކުށްވެރިއަކަށް ހެދުމަށް އެ ގައުމުގެ ރައީސް އަބްދުލް މާޖިދު ތަބޫން ވަނީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އިދާރާތަކާއި އަދި އެކްޓިވިސްޓުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ފަލަސްތީންގެ ޣައްޒާގައި ޔަހޫދީން ދައުލަތުން ހިންގަނީ ނަސްލު ނައްތާލުމަށް ހިންގާ ގަތުލުއާންމެއް ކަމަށް ވިދާޅުވި އަލްޖީރިއާގެ ރައީސް ވަނީ ނަތަންޔާހޫއާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއްގައި މިނިވަން އަރަބި ދުނިޔެ ބައިވެރިވުމަށް ގޮވާލައްވާފަ އެވެ.

ނަތްނަޔާހޫ ވަނީ އިންސާނީ ހުރިހާ ހައްގަކަށް އަރައިގެންފައި ކަމަށް އަލްޖީރިއާގެ ރައީސް ވިދާޅުވި އެވެ. އޭނާ ކޮށްފައި ހުރި ކުށަށް އަދަބު ނުދެވި ވީއްލިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.