ޑރ. މުހައްމަދު މުއިއްޒު

އިންޑިއާއާއެކު މަޝްވަރާ ކުރެވިއްޖެ، ސިފައިން ފޮނުވާލެވޭނެ: މުއިއްޒު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އެ ގައުމުގެ ސަފީރާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެކަން ހާސިލު ކުރެވޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލެވޭނީ އެގައުމާއެކު މަޝްވަރާކޮށްގެން ކަމަށެވެ.

"މި ޓްރާންސިޝަން ޕީރިއެޑްގެ ތެރޭގައި ވެސް ދެ ފަހަރަކު އިންޑިއާ ސަފީރާ އަޅުގަނޑު ބައްދަލުކޮށްފިން ވަރަށް ގިނަ ވާހަކަވެސް ދެކެވިއްޖެ. ވަރަށް ސުލްހަވެރި، ބިނާ ކުރަނިވި ވާހަކަ ދެކެވިއްޖެ. އިރާދަކުރެއްވިއްޔާ މިކަން ހާސިލުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބެން ބޭނުން ނުވާކަން ނިންމީ ރައްޔިތުންނެވެ.

އެއީ ހަމައެކަނި އިންޑިއާ ސިފައިން ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އިންޑިއާ ސިފައިންގެ ވާހަކަ ދެކެވެނީ އެގައުމުގެ ސިފައިން މި ވަގުތު ރާއްޖޭގައި ތިބުމުން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް ބޭނުމަކު ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ބޭނުންނުވާ ކަމަށެވެ. އެގޮތުން ހެލިކޮޕްޓަރު ދުއްވަންވެސް އެހެން ގައުމެއްގެ ސިފައިން ތިބެން ބޭނުންނުވާ ކަމަށް ރައްޔިތުން ނިންމާފައިވާ ކަމަށެވެ.

އިންޑިއާއަކީ ކުރިންވެސް އަދި މިހާރުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޯށްދޭ ގައުމެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ދުރު ނުވެވޭނެ ގާތް ގައުމެއް ކަމަށެވެ. ނަމަވެސް ކުރިއަށް ވަޑައިގަންނަވާނީ ރާއްޖެ އިސްކޮށްގެން ކަމަށް ވިދާޅުވި އެވެ.