ދިރާގު

ދިރާގު ރޯޑް ރޭސް މެދުވެރިކޮށް 635،000 ރުފިޔާ 12 ޖަމިއްޔާއަކަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 މެދުވެރިކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 12 އެންޖީއޯ އަކަށް ޖުމްލަ 635,000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސްވެސް ހާއްސަކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރި ކަމަށެވެ. އެގޮތުން މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރައިޒް ކުރުމުގެ ފުރުސަތު ފޯރުކޮށްދިނެވެ. އަދި ދިރާގުން ވަނީ އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށާއި އަނިޔާއިން ކުޑަކުދިން ހިމާޔަތްކުރުމުގެ އިތުރުން ކުދިންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ 12 އެންޖީއޯއަކާއެކު ޕަޓްނަ ވެފަ އެވެ.

ކޮންމެ ދުވުންތެރިޔަކު ވެސް ރޭހަށް ރަޖިސްޓްރީ ކުރިއިރު އިހްތިޔާރު ކުރާ އެއް އެންޖީއޯއެއް ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އެގޮތުން ބައިވެރިންގެ ފަރާތުން އެންމެ ގިނައިން ނޮމިނޭޓް ކުރެވުނު ފަސް އެންޖީއޯއަކަށް ބެހިގެންދާ ގޮތަށް ދިރާގުން ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ހަދިޔާކުރެވުނެވެ. މީގެ އިތުރުން ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާއިން ޖުމްލަ 435،000 ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނަ އެންޖީއޯތަކަށް ބެހިގެންދާ ގޮތަށް ހަދިޔާކޮށްފަ އެވެ. އެހެންކަމުން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭސް މެދުވެރިކޮށް ޖުމުލަ 635،000 ރުފިޔާ ވަނީ އެންޖީއޯތަކަށް ހަދިޔާކޮށްފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެކުންފުނީގެ އުއްމީދަކީ މި އެހީގެ ސަބަބުން އެންޖީއޯތަކުގެ ޕްރޮގްރާމްތައް ފެށުމަށް މަގުފަހިވެގެން ދިއުމެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެ ޖަމިއްޔާތަކުގެ ޕްލޭންތައް ފެށުމަށް ހިތްވަރު ލިބިގެންދިއުން ކަމަށްވެސް ބުންޏެވެ.

ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު ފަސް އެންޖީއޯ

  • ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
  • އާކް - އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން
  • މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
  • ޓައިނީ ހާޓްސް އޮފް މޯލްޑިވްސް
  • މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެންޑޯސްކޮށްފައިވާ އިތުރު އެންޖީއޯތައް

  • ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ
  • ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
  • ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)
  • ކެއާ ސޮސައިޓީ
  • މޮމްސް އެއިޑް
  • ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
  • މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ)

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.

ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަންނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު ބޭއްވުމަށް ނިންމާ އެކަން އިއުލާންވެސް ކޮށްފަ އެވެ.