މެންބަރު ހުސައިން މުހައްމަދު ލަތީފް

މުއިއްޒުގެ ސަރުކާރަކީ އިންސާފުވެރި ނަމޫނާ ވެރިކަމަކަށް ވާނެ: ހުސައިން

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އިންސާފުވެރި ނަމޫނާ ވެރިކަމަކަށް ވާނެ ކަމުގައި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ކުރިއަށް ދަނީ މިފަހަރު އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ހުސައިން ވިދާޅުވީ ފަށަން ތައްޔާރުވަމުންދާ އާ ސަރުކާރުގެ އަމާޒަކީ ރައްޔިތުނަށް ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުން ގެނެސްދިނުން ކަމަށެވެ.

"ٱللَّٰهގެ އިރާދަފުޅާއި ބަރަކާތާއިއެކު ޑރ. މުއިއްޒުގެ ވެރިކަން ވެގެންދާނީ ދިވެހީން އެދޭފަދަ ނަފާވެރި، އަރުތަވެރި އަދި އިންސާފުވެރި ވެރިކަމަކަށް. ނަމޫނާ ސަރުކާރަކަށް،" ހުސައިން ވިދާޅުވި އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ޑރ. މުއިއްޒު ވަނީ ރައްޔިތުންނަށް ހަމަޖެހުން ގެނުވާނެ އަދުލުވެރި އިންސާފު ވެރިކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ބޭނުންވޭ. ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ. އެހެންވީމަ މިގޮތުގައި ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް މި ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން އިލްތިމާސްކުރަން،" މުއިއްޒު ވިދާޅުވި އެވެ.