އާ ސަރުކާރުގައި ގައުމިއްޔަތާ ބެހޭ މިނިސްޓްރީއެއް އުފައްދަވައި އެ ވުޒާރާގެ މިނިސްޓަރަކަށް އާދަމް ނަސީރު އައްޔަންކުރެއްވުމަށް ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މުއިއްޒު ވަނީ ދިވެހި ބަހާއި އިސްލާމް މާއްދާއަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ދިވެހި ބަހާއި ގައުމިއްޔަތު ދިރިވުމުގެ މަސައްކަތްތަކުގައި އާދަމް ނަސީރު ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ގައުމިއްޔަތާ ބެހޭ މިނިސްޓްރީއެއް އުފައްދަވާ އެތަނުގެ މިނިސްޓަރަކަށް އާދަމް ނަސީރު އައްޔަންކުރަން ނިންމަވާފައިވާ ކަމަކަށް އިންތިހާބީ ރައީސްގެ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.
އިންތިހާބީ ރައީސް މުއިއްޒުގެ ބައެއް މަސައްކަތްތަކުގައި އާދަމް ނަސީރު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތުން އަވަސް އަށް އެނގިފައިވާ ގޮތުގައި ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެން މާލެ ސިޓީ ކައުންސިލްގެ އިދާރީ ކަންކަން ހަރުދަނާކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ކޮންސަލްޓެންޓުންގެ ތެރޭގައިވެސް އާދަމް ނަސީރުވެސް ހިމެނެ އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނު އެކުލަވާލާ ކެބިނެޓްގައި 22 ވަޒީރުން ހިމެނޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ ބޭފުޅުންގެ ލިސްޓް ކަމަށް ބުނެ އާންމުވެގެން އުޅޭ ލިސްޓްގައި ހިމެނޭ 95 ޕަސަންޓް ނަންތައް ރަނގަޅު ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.