މެންބަރު ހުސައިން މުހައްމަދު ލަތީފް

ސާބިތުވެ މިހުރީ ރައީސްއާ އެކު: ނައިބް ރައީސް

Nov 25, 2023

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ އެކު ސާބިތުވެ ހުންނަވާނެ ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަން ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމެވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ނިންމެވުމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީގެ އާންމުން މެންބަރުން މެދުގައިވެސް މިހާރު ވަނީ ބޮޑު އަރާރުމެއް އުފެދިފަ އެވެ.

ކޯޅުންގަނޑު ބޮޑުވެފައި ވަނިކޮށް ނައިބް ރައީސް ހުސައިން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަކީ އެމަނިކުފާނުވެސް ހިމެނޭހެން އެތައް ރައްޔިތުންގެ ބައިވެރިވުމާއި ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ.

"މިއީ ތިޔަ ރައްޔިތުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ،" ނައިބް ރައީސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ރައްޔިތުން އިހްތިޔާރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިުއްޒުގެ ތަސައްވުރު ކަމަށެވެ. އަދި އެމަނިކުފާނު އިސްކުރައްވަނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމުގައިވެސް ވިދާޅުވި އެެވެ.

"ވީމާ މިވެރިކަމަކީ ރައްޔިތުނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަކަށް ހެދުމަށް އެމަނިކުފާނާއެކު ސާބިތުވެ ހުންނާނެކަމުގެ ޔަޤީންކަން އަރުވަން،" ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ ހުސައިން ވިދާޅުވި އެވެ.

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ނިންމެވުމާ ގުޅިގެން ސަރުކާރުގެ ވަޒީރުންނާއި އިސްވެރިންނާއި ރައީސް މުއިއްޒުގެ ސަޕޯޓަރުން ގެންދަވަނީ ސަރުކާރުގެ ދިފާއުގައި ވާހަަކަދައްކަވަމުންނެވެ.