މެންބަރު ހުސައިން މުހައްމަދު ލަތީފް

ފިޔޯރީއަށް 3،000 ޓަނުގެ މަސް ކިރޭ ގޮތް ހަދާނަން: ހުސައިން

ޕީޕީއެމްގެ ސަރުކާރެއްގައި ފިޔޯރީގައި 3،000 ޓަނުގެ މަސް ކިރޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ.

ހުސައިންގެ އުފަން ރަށް -- ގދ. ފަރެސްމާތޮޑާގައި މިރޭ ބޭޭއްވި ކެމްޕޭން ޖަލްސާގައި ހުސައިން ވިދާޅުވީ މިސަރުކާރުން ނުކޮށްދިން ނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި ގދ. ފިޔޯރީގައި މަސް ކިރޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

"މަސްވެރިންނަށް ނިމިގެން މިދާ ސަރުކާރުން އެތައް ބައިވަރު ވައުދެއް ވިއްކި، އެންމެ ކަމެއްވެސް ތަންފީޒީ މަރުހަލާގެ ތެރެއިން ފެށި ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މަސްވެރިންގެ އުދާސްތައް އިންތިހާއަށް ބޮޑުވަމުން އައީ،" މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ހުސައިން ވިދާޅުވި އެވެ.

މިއަދުގެ ސަރުކާރުން ދަނީ ވަކި ހައްދެއް ނުބަލައި ފައިސާ ޗާޕު ކުުރަމުން ކަމަށާއި މިކަމުގެ ސަބަބުން ދިވެހި ރާއްޖެއަށް އެތައް ނޭދެވޭ ބަދަލެއް އަންނާނެ ކަމުގައިވެސް ހުސައިން ވިދާޅުވި އެވެ. އަދި މިކަމަށް ހައްލެއް ގެނަައުމަށްޓަކައި ރައްޔިތުންގެ ތެރެއިން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ މިއީ ރައްޔިތުންނަށް ބަސްބުނަން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށާއި މި އިންތިހާބުގައި ފުރުސަތުގެ ބޭނުން ހިފާ މުއިއްޒު އަށް ވޯޓު ލުމަށް އެދޭ ކަމަށެވެ.

ހުސައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް މިނިވަންކުރުމަށް ރައްޔިތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަމަކު އެ މަސައްކަތް ކުރާ މީހުންނަށް ތަފާތު އަނިޔާތައްވެސް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުން އެއީ ރައިީސް ޔާމީން މިނިވަން ކުރުމާ ދެކޮޅަށް އެޅިގެންދާ ފިޔަވަޅެއް ކަމުގައި ނުދެކޭ ކަމަށެވެ.

"ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އެއް ރޫހެއްގައި އެއް އަޒުމެއްގައި ނުނިދާ، ތިބޭފުޅުން އެ ރައްޔިތުން އެތަނުގައި ތިބެމުންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ،" ލަތީފް ވިދާޅުވި އެވެ.

ފަރެސްމާތޮޑާގައި ސިޓީ ހޮޓާ އެޅިގެންދާނެ ކަމަށާއި ރަށުގެ މަގުތައް ތަރައްގީ ކުރެވިގެންދާނެ ކަމަށްވެސް ލަތީފް ވިދާޅުވި އެވެ. އަދި ނަރުދަމާގެ ނިޒާމު ރަށުގައި ފުރިހަމަވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.