ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީގެ ރައީސަކަށް ޑރ. މުއިއްޒު، ސެމްބެ ނައިބަކަށް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ޕީއެންސީ އުފެއްދި ފަހުން މިރެއާ ހަމައަށް ޕީއެންސީގެ ރައީސްގެ މަގާމުގައި ހުންނެވީ އިދިކޮޅު މައި ޕާޓީ -- ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ޕީއެންސީ އިން މިރޭ ބޭއްވި އެ ޕާޓީގެ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި 40 މެމްބަރުންގެ އިއްތިފާގުން ވަނީ ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކަށް ބަދަލު ގެނައުމަށް ފާސްކޮށްފަ އެވެ. އެގޮތުން ގެނައި އެންމެ މުހިއްމު އެއް ބަދަލަކީ ޕީއެންސީގެ ރައީސްގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވުމެވެ. އަދި ޕީއެންސީގެ ނައިބް ރައީސްގެ މަގާމަށް އިންތިހާބީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އައްޔަންކުރުމެވެ.

ޕީއެންސީގެ ކުރީގެ ރައީސް އަބްދުއްރަހީމް އައްޔަންކުރަން ނިންމާފައިވަނީ އެ ޕާޓީގައި އަލަށް އުފެއްދި ޗެއާޕާސަންގެ މަގާމަށެވެ.

ޕީއެންސީގެ ލީޑަޝިޕްގެ މަގާމުތަކަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން އެ ޕާޓީން އަދި ތަފްސީލް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަދި ހުސައިން މުހައްމަދު ލަތީފް ރައީސުލްޖުމްހޫރިއްޔާގެ ނައިބްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޕީއެންސީ ރަޖިސްޓްރީ ކުރީ ޖެނުއަރީ 31، 2019 ގައެވެ. ޕީއެންސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3،159 މީހުންނެވެ.