ޔަހޫދީން އޮކްޓޯބަރު ހަތަކުން ފެށިގެން ފަލަސްތީންގެ ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް މިއަދާ ހަމައަށް ފޯރާފައި އޮތްއިރު، ހަމަލާތައް މަޑުޖައްސާލައި އަސީރުން ބަދަލުކުރަން ވަނީ ފަށާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޒަޔަނިސްޓް ސަރުކާރާއި ހަމާސްއާ ދެމެދު ގަތަރު މެދުވެރިކޮށް ކުރެވުނު މަޝްވަރާތަކުގައި ޔަހޫދީ ޖަލުތަކުން ފަލަސްތީންގެ 39 މީހަކު ހުކުރު ދުވަހު ވަނީ ދޫކޮށްލާފަ އެވެ. ހަމާސް އިން ބަދަލުގައި 24 ޔަހޫދިއަކޫ ދޫކޮށްލި އެވެ.
އަސީރުން ބަދަލުކުރުމުގެ ދެވަނަ ބުރުގައި ފަލަސްތީންގެ 42 މީހަކު މިއަދު ދޫކޮށްލާނެ އެވެ. ހަމާސްއިން ބަދަލުގައި 14 ޔަހޫދީއަކު ދޫކޮށްލާނެ އެވެ.
ޔަހޫދީ މީޑިއާތަކުން ބުނާ ގޮތުން ޒަޔަނިސްޓް ޖަލުތަކުގައި ތިބި ފަލަސްތީންގެ 42 މީހަކު ދޫކޮށްލުމަށް ޒަަޔަނިސްޓް ސަރުކާރުން ވަނީ އާނއެކޭ ބުނެފަ އެވެ. އަދި އެ މީހުންގެ ނަންތައް ބަލައި ފާސްކުރަމުން ގެންދާ ކަމަށްވެސް މީޑިއާތަކުން ބުނެ އެވެ.
އަސީރުން ބަދަލުކުރުމުގައި ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީން މީހުން ހުޅަނގު އައްސޭރީގައި ހުންނަ ޖަލަކަށް ބަދަލުކުރުމަށްފަހު -- ފަލަސްތީންގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓް މެދުވެރިކޮށް ކުށްވެރިން ބަދަލުކުރެވޭނެ ކަމަށް ޔަހޫދީ އިދާރާތަކުން ބުނެ އެވެ.
ފަލަސްތީން މީހުން ދޫކޮށްލުމަށްފަހު ވެސް، ރެޑް ކްރެސެންޓުން އެ މީހުންނާ މެދު ކަންކުރާ ގޮތް -- އެ މީހުން ދަނީ އެ މީހުންގެ ގެއަށްތޯ ޔަހޫދީ ސިފައިން ބަލައި ފާރަވެރިވާނެ އެވެ. އެ މީހުން ދާ ތަނެއް ކަށަވަރުކޮށްފައި ނޫނީ ދޫކޮށްނުލާނެ ކަމަށް ޒަޔަނިސްޓުން ބުނެ އެވެ.
އަސީރުން ބަދަލުކުރަން ވެފައި އޮތް އެއްބަސްވުމުގައި އަމަލީ ހަރަކާތްތައް ފުރިހަމަކުރުމަށް އޮތީ ހަަތަރު ދުވަހެވެ. މި މުއްދަތުގައި އަސީރުން ބަދަލުކުރުމަށް ވެފައި ހުރި ހުރިހާ ޝަރުތެއް ފުރިހަމަކުރަން ޖެހެ އެވެ.
އަސީރުން ބަދަލުކުރުމަށާއި ޣާއްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވެއްދުމަށްޓަކައި ހަމަލާތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލުމަށް މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.
ހަމަލާތައް މެދުކަނޑާލާފައި އޮތް ނަމަވެސް ޔަހޫދީންގެ ޖެއްސުމާއި އަނިޔާ ފަލަސްތީން މީހުން އަންނަނީ ތަޖުރިބާކުރަމުންނެވެ.
އޮކްޓޯބަރު ހަތެއްގެ ހަމަލާތަކުގައި ފަލަސްތީނުން 14،854 މީހަކު ވަނީ މަރުވެފަ އެވެ. މިއީ ޣައްޒާގެ ހެލްތު މިނިސްޓްރީއަށް ކަށަވަރުކުރެވިފައި އޮތް އަދަދެވެ. މީގެ ތެރޭގައި 4،000 އަންހެނަކާއި 6،150 ކުޑަކުއްޖަކު ހިމެނެ އެވެ.
ޒަޔަނިސްޓުން ހަމަލާތަކުގައި ބިމާހަމަވެފައި ހުރި އިމާރާތްތަކުގެ ދަށުވެފައި އަދިވެސް އެތައް ބަޔަކު ތިބޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ފަސްގަނޑުގެ އަޑީގައި ވަޅުލެވިފައި ތިބީ ކިތަން މީހުންކަަން -- އަދި އެ މީހުން ދުވަހަކު ވެސް ފެންނާނެކަން ނޭނގޭ ކަމަށްވެސް އޮފިޝަލުން ބުނެ އެވެ.