ދުނިޔެ

ޣައްޒާ ހަނގުރާމަ: ގަތަރުގެ ވަފުދެއް ޔަހޫދީންނާ ބައްދަލުކުރަން ގުދުސްއަށް

ޒަޔަނިސްޓުން އޮކްޓޯބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް މެދުކަނޑާލުމުގައި ގަތަރަކީ ވަރަށް މުހިންމު ގައުމެކެވެ.

ޣައްޒާ ހަނގުރާމަ މިވަގުތު އޮތީ ދެތިން ހަތަރު ދުވަހަށް މެދުކަނޑާލާފަ އެވެ. އެއީ އަސީރުން ބަދަލުކުރުމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް -- އެހީގެ ލޮރީތައް ޣައްޒާއަށް ވެއްދުމަށެވެ.

ގަތަރުގެ ވަފުދެއް ޔަހޫދީންނާ ބައްދަލުކުރަން ގުދުސްއަށް ގޮސް މިއުޅެނީ ހަމަލާތައް މެދުކަނޑާލާފައި އޮތް އޮތުން ދިގުދަންމާލުމަށެވެ.

ޒަޔަނިސްޓުންނާ އެކު އެއްބަސްވެވޭ ގޮތެއްގެ މަތިން ހަމާސް އަދި ލުބްނާންގެ ހިޒްބުﷲއާ ގަތަރުން ވާހަކަދައްކާނެ އެވެ. ނަމަވެސް ހަމަލާތައް މެދުކަނޑާލައި މުޅިން ހުއްޓާލަން ޔަހޫދީން ރުހޭނެ ކަމަކަށް ނުފެނެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ހަމަލާތައް މެދުކަނޑާލުމުގެ މުހިއްމުކަން ފާހަގަކުރައްވައި ބަސް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ސުލްހައިގެ މުއްދަތު ދިގުދަންމާލުން ކަމަށެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވި ގޮތުން ހަމަލާތައް މެދުކަނޑާލުމަށް ޒަޔޮނިސްޓުން ވެސް ރުހެ އެވެ. ހަމާސްއާއި ހިޒްބުﷲ އިން މިކަމަށް ރުހޭ ކަމަށްވެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމަށްފަހު ޒަޔަނިސްޓުން ޔަހޫދީން ދަނީ ފަލަސްތީންގެ އާންމުންނަށް ޖިސްމާނީ ގޮތުން އަނިޔާކުރަމުންނެވެ. ސުލްހައިގެ މުއްދަތުގައި މިއީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ހަމާސް އިން ބުންޏެވެ.

އަސީރުން ބަދަލުކުރުމަށްޓަކައި ހަމަލާތައް މެދުކަނޑާލާފައި އޮތުން މުހިއްމު ކަމަށް މިސްރުން ބުންޏެވެ. ޔަހޫދީންގެ އެދުމަކީވެސް ހަމަލާތައް މެދުކަނޑާލުން ކަމަށް މިސްރުން ބުނި ނަމަވެސް އަމަލީ ގޮތުން އެކަން ފެންނަން ޖެހޭ ކަމަށް މަޝްވަރާގައި ހިމެނޭ މެމްބަރުން ބުނެ އެވެ.

ޒަޔަނިސްޓުންގެ ވެރިންނާ ހަވާލާދިފައި ހުރި ހަބަރުތައް ބުނާ ގޮތުން ހަމަލާތައް ހުއްޓާލަން އެއްބަސްވި މުއްދަތަށް ވުރެ އެންމެ ދުވަހަކަށް ވެސް ހަމަލާތައް މެދުކަނޑާލާފައި ނުބާއްވާނެ ކަމަށް ޔަހޫދީން ބުނެ އެވެ.

ޣައްޒާ ހަނގުރާމައިގެ ސަބަބުން ޔަހޫންދީންގެ ތެރޭގައި -- ހާއްސަކޮށް އާންމުންގެ ތެރޭގައި މިހާރު އޮތީ ބިރުވެރިކަން ވަރަށް ބޮޑުވެފަ އެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުން ދުރުކޮށް ޔަހޫދީން ބެލެހެއްޓޭ ވަރުގެ ބޮޑުވަޒީރަކު އައްޔަންކުރުމަށް ގޮވާލާއި އާންމުން މަގުތަކަށް އެއްވަމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.