ދުނިޔެ

އެމެރިކާއާ އިނގިރޭސިން ރަތް ކަނޑަށް އެރުމަކީ ގޯހެއް: ގަތަރު

ރަތް ކަނޑުގެ މަސްލަހަތަށް ކަމަށް ބުނެ އެމެރިކާއާ އިނގިރޭސިން ގޮސް ހޫސީންނަށާއި ޔަމަނަށް ހަމަލާ ދިނުމަކީ ގަތަރުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އައްސާނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާއާ އިނގިރޭސިންގެ ހަމަލާތަކުން ސުލްހަ ގާއިމު ނުކުރެވޭނެ ކަމަށް ވެސް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ސްވިޒަލޭންޑް ޑާވޯސްގައި މިހާރު ހިނގަމުންދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ ހޫސީންނަކީ ގޮތް ދޫކުރާނެ ބައެއް ނޫން ކަމަށާއި އެމެރިކާއާ އިނގިރޭސިންގެ ހަމަލާތަކުން މަސްރަހު ވާނީ މުޅިން ޚަރާބު ކަމަށެވެ.

މިހާރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައި އޮތީ ފަލަސްތީންގެ މައްސަލައަށް ކަމަށާއި ހޫސީން ރަތް ކަނޑަށް ދޭ ހަމަލާތައް ވެސް ގުޅިފައި އޮތީ ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ދުނިޔެއަށް މިހާރު ބޭނުން ވަނީ ހަނގުރާމަ ނޫން ކަމަށާއި ސިޔާސީ ހައްލެއް ކަމަށް ވެސް ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އައްސާނީ ވިދާޅުވި އެވެ. އެންމެން ގުޅިގެން މަސައްކަތްކުރަންވީ ނުތަނަވަސްކަން ފިލުވާލުމަށް މަޝްވަރާކުރެވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގައި އަދި ގަލްފުގައި ހަމަނުޖެހުން އިތުރުވުމަކީ ގަތަރަށް ވެސް އޮތް ބިރެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހޫސީންގެ ހަމަލާތަކާ ހެދި ގަތަރުގެ ތެޔޮ ޓޭންކްތައް ވެސް މިހާރު މަގު ބަދަލުކޮށްފި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއާ އިނގިރޭސިން ގުޅިގެން ޔަމަނުގައި ހޫސީން ގާއިމުކޮށްފައި ހުރި މަރުކަޒުތަކަށް ވަނީ ހަމަލާދީފަ އެވެ. މި ހަމަލާތަކާ ގުޅިގެން ހޫސީން ބަޔާނެއް ނެރެ ވަނީ ދުނިޔެއަށް އިންޒާރުދީފަ އެވެ.

ހޫސީން ބުނާ ގޮތުން އެމެރިކާ އަށާއި އިނގިރޭސިވިލާތަށް މުދާ އުފުޅާ ބޯޓެއް ރަތް ކަނޑުން ދަތުރުކުރި ނަމަވެސް ދެން އޮތީ ހަމަލަދިނުމެވެ. ހޫސީން މީގެ ކުރިން ހަމަމާދިނީ އިޒުރޭލަށް މުދާ ހިފައިގެން ދަތުރުކުރާ ކޮންޓޭނަރު ބޯޓުތަކަށެވެ.

ހޫސީން އަބަދުވެސް ބުނާ ވާހަކަ އަކީ ޔަހޫދީނަށް މުދާ އުފުލާ ބޯޓެއް ނަމަ އެ މީހުންގެ ހަމަލާތަކަށް އެއީ ސައްހަ އަމާޒެއް ކަމަށެވެ. އެ ނޫން ބަޔަކަށް މުދާ އުފުލާ އެއްވެސް ބޯޓަކަށް ހަމަލާ ނުދޭނެ ކަމަށް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.

ރަތް ކަނޑަކީ ޔަހޫދީން ނޫންހާ ބަޔަކަށް ރައްކާތެރި އަދި އަމާން މަގެއް ގޮތުގައި ބަލަހައްޓައިދޭނެ ކަމަށް ވެސް ހޫސީން އޮތީ ބުނެފަ އެވެ.