ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން ފާސްކޮށްފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބޭއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

އަންނަ އަހަރު ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު 10 ވަނަ ދުވަހެވެ.

ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުމަށް ކޮމިޓީން ނިންމީ މިހާރު ގާނޫނު އޮތް ގޮތުން ރޯދަ މަހާ ދިމާކޮށް އިންތިހާބު ބާއްވަންޖެހޭތީ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާއި އިދާރީ ބައެއް ކަންކަން ހަމަޖެއްސުމަށް ދަތިތަކެއް ހުރުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހެޅުމާ ގުޅިގެން މެންބަރުން އެކަމުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.

މައްސަލަ ހައްލުކުރަން އީސީ އިން ކޮމިޓީއަށް ހުށަހަޅާފައިވަނީ ކެމްޕޭން ކުރަން ކެންޑިޑޭޓުންނަށް ލިބޭ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރުކުރުމަށް ނުވަތަ ގާނޫނުގައިވާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރު ކޮށްގެން އިންތިހާބުގެ މަސައްކަތް އަވަހަށް ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

އެ މައްސަލައިގެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން އިއްތިފާގުވީ، ރޯދަމަހުގެ ކުރިން އިންތިހާބު ބޭއްވުމުގެ ބަދަލުގައި ރޯދަމަހަށް ފަހު އިންތިހާބު ބޭއްވުމަށެވެ.

ކޮމިޓީގެ ވާހަކަދެއްކެވި މެންބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވީ ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވާނަމަ ދިމާވާ ދަތިތައް ރޯދަ ފަހަށް އިންތިހާބު ހަމަޖެއްސުމުން ހައްލު ލިބިގެންދާ ކަމަށެވެ.

މެންބަރުން ވާހަކަދެއްކެވުމަށްފަހު ކޮމިޓީގައި އެވަގުތު ތިއްބެވި ހުރިހާ މެންބަރުންވެސް އިއްތިފާގުވީ ރޯދަ ފަހުން މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ހަމަޖެހިފައިވެ އެވެ.