ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް އޮތް ޑިސެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް ނިންމަވައިފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ނިންމާލުމަށް އެބަހުރި ކަމަށެވެ. އެކަމަކު މިމަހުގެ ނިޔަލަށް ހިނގަމުންދާ ދައުރު ނިމޭނެތީވެ އެ މުއްދަތަށް އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ނުފެންނާތީ ކުރިއަށް ޑިސެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް މިދައުރުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ކަމަށެވެ.
މަޖިލީހުގެ ދައުރު އިތުރުކުރެވޭނީ ޖަލްސާގައި ވޯޓަށް އަހައިގެން ކަމަށްވާތީ މިއަދު ވޯޓު ގަޑީގައި އެކަމަށް ގޮތެއް ނިންމުމަށް ވޯޓަށް އައްސަވާނެ ކަމުގައިވެސް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގައި އަމަލުކުރާ އާންމު އުސޫލަށް ބަލާއިރު މަޖިލީހުގެ އާންމު ޖަލްސާތައް ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ކަމަށްވާތީ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މާދަމާއަށް ނިމޭނެ އެވެ. އެހެންކަމުން މިދައުރުގެ ތެރޭގައި އިތުރު ޖަލްސާއެއް ބޭއްވޭނީ މަޖިލީހުން ތަޅުމުން ދައުރު ދިގުދަންމާލުމަށް ފާސްކޮށްގެންނެވެ.
ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ.
ބަޖެޓް ބަހުސް އިއްޔެ ނިންމާލާފައިވާއިރު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އޮތީ ކޮމިޓީ މަރުހަލާގައެވެ.