ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ބިގޭ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކަން އިއުލާނުކޮށްފި އެވެ.

ބިގޭ އަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން އިއުލާނުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ބިގޭ އިންތިހާބުކުރީ އެ ޕާޓީގެ މަޖިލިސް މެންބަރުގެ މެދުގައި މިމަހުގެ 22 ވަނަ ދުވަހު ނެގި ވޯޓުންނެވެ.

އެ ޕާޓީއަށް ޕީޖީ ލީޑަރަކު އިންތިހާބު ކުރަން ޖެހުނީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބުކުރުމާ ގުޅިގެން ލީޑަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ބިގޭގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ކުރިމަތިލެއްވި އެވެ.