ނައީމާގެ މަރު

ނައީމާގެ މަރު: ތިން މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

އުމުރުން 62 އަހަރުގެ ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި ފުލުހުން އެދިފައިވަނީ ތިން މީހަކަށެވެ. އެއީ ނ. މަނަދޫ އަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ ފެހިވިލާގެ، އަހްޒަމް އަބްދުލްޝަކޫރު (23 އ) އާއި، ވިނަރެސް، ހުސައިން ފަވާޒު (21 އ)ގެ އިތުރުން ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް (21 އ) އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުން މިދިޔަ އާދިއްތަ ދުވަހު މައްސަލައި ބަލައިގެންފައިވާތީ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުން ހައްޔަރު ކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.