ރައްޔިތުންގެ މަޖިލިސް

ތަޅުމުގައި ތިއްބަވާ ގޮތް ބަދަލުކުރަން މެންބަރުން ތާއީދެއް ނުކުރި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެންބަރުން އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބު ބަދަލުކުރުމަށް އާންމު ކޮމިޓީން ނިންމި ނިންމުން ފާސްކުރަން މެންބަރު ތާއީދު ނުކުރެއްވި އެވެ.

މަޖިލީހުގެ ޖަލްސާގައި މެންބަރުން އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބަކީ މެންބަރުން އިންތިހާބުވެފައިވާ ޕާޓީތައް ނިސްބަތްވާ ގޮތަށް އިށީންދެވަޑައިގެން ތިއްބަވާ ތަރުތީބުން ކަމަށް ކޮމިޓީން ފާސްކުރީ އޮކްޓޫބަރު 17، 2020 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދެއްވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އާންމު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނިންމުމާ ދެކޮޅަށް 42 މެންބަރުން ވޯޓު ދެއްވިއިރު އެއްކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.

"މެންބަރުން މިހާރުވެސް އިށީނދެ ވަޑައިގެން ތިއްބަވާ ގޮތަކަށް ބަދަލެއް ނާންނާނެ،" ރިޕޯޓު ފާސްނުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގައި އެންމެ ފުރަތަމަ ގޮނޑިބަރި ފަށަނީ މާލޭގެ ދާއިރާތަކުންނެވެ. އެއަށްފަހު އަތޮޅުތަކުގެ ގޮނޑިތައް ފަށަނީ ހއ. އަތޮޅުގެ ގޮނޑިތަކުންނެވެ. މަޖިލީހުގެ އެންމެ ފަހަތު ގޮނޑިބަރިތައް ނިމެނީ އައްޑޫސިޓީގެ ގޮނޑިތަކުންނެވެ.