މިނިސްޓްރީ އޮފް ހެލްތު

މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕޭން އަލުން ފަށައިފި

ހިމަބިހި އަދި ރުބެއްލާއިން ރައްކާތެރިވުމުގެ ގޮތުން މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އަލުން ފަށައިފި އެވެ.

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައި ދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމް އެވެ.

މި ކެމްޕޭންގައި މީސްލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ދޭނެ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި ދިރިއުޅޭ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުންނަށް އިސްކަންދޭނެ އެވެ.

އެޗްޕީއޭ އިން ވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މުޅި ރާއްޖޭގައި މިކެމްޕޭންގެ ހަރަކާތްތައް ފެށުމަށް ނިންމާފަ އެވެ.

ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި ހިމަބިއްސަކީ ވަރަށް ހަލުވި ކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެންމެންވެސް ވެކްސިން ޖެހުމަށް އިސްކަން ދިނުމަށް އެޗްޕީއޭ އިން އެދެ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި ވަނީ ޖޫން 2017 ގައެވެ. އަދި ރުބެއްލާ ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރު އެވެ.

ހިމަބިހި ނުވަތަ މީސަލްސް ރާއްޖެ އިން ނައްތާލެވިފައިވާ ކަމަށް ކަނޑައެޅި ނަމަވެސް 2020 ވަނަ އަހަރު ރާއްޖެއިން މީސްލްސްއަށް ޕޮޒިޓިވް މީހުން ފެނުނެ އެވެ. އަދި އެ އަހަރު މީސްލްސްގެ ގައުމީ ކެމްޕޭން ފެށުނު ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ވެކްސިން ޕްރޮގްރާމު އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމާ ގުޅިގެން އޭގެ ފަހުން ރާއްޖޭގެ އެކި ސަރަހައްދުތަކުން މީސްލްސްގެ ކޭސްތަކެއް ފެނިފައިވެ އެވެ. ހިމަބިހީގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުން ހިމެނެ އެވެ.