އެޗްޕީއޭ

އެޗްޕީއޭގެ އިލްތިމާސް: ސިއްހަތަށް ސަމާލުވޭ

ބޮޑު އީދާއި ސްކޫލު ބަންދުގެ ދުވަސްތަކަކީ ޗުއްޓީ ހޭދަކުރުމަށް އެކި މީހުން އެކި ހިސާބުތަކަށް ދަތުރުކޮށް އުޅޭ ދުވަސްވަރެކެވެ. ރާއްޖޭގައި މިދުވަސްވަރަކީ އީދުގެ ހަރަކާތްތަކުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުފަލާއި މަޖަލުގައި ހޭދަކުރާ ދުވަސްތަކެކެވެ. އެކަމަކު މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރެވެ. މަދިރި އާލާވުން އިތުރުވެ އާންމު ރޯގާތައްވެސް ގިނަ ދުވަސް ވަރެކެވެ.

އެހެންކަމުން އީދު ހަރަކާތްތައް ބެލުމަށް ގިނަ މީހުން ތިބޭ ތަންތަނަށް އެއްވެ އުޅޭއިރު އަމިއްލަ ސިއްހަތަށް ސަމާލުވުމަކީ ކޮންމެ މީހަކު ވެސް އެކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމެކެވެ. ދިމާވެދާނެ ކޮންމެ ފަދަ ހާލަތަކަށްވެސް ދުރާލައި ރައްކާތެރިވެ ތިބެންޖެހެ އެވެ. އާންމު ސިއްހަތާ ގުޅޭ މައުލޫމާތު ހޯދައި، ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދު އަޑުއަހަންޖެހެ އެވެ.

އާންމު ސިއްހަތަށް ރައްކާތެރިވުމަށްޓަކައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އައިމިނަތު އަރޫޝާ އަވަސްއާ ހިއްސާކުރި މައުލޫމާތުގެ އަލީގައި ލިޔެފައިވާ މިލިޔުން ކިޔާލުމަށްފަހު އެގޮތަށް އަމަލުކުރަން އާދަކުރާށެވެ.

އާންމު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

އެންމެ އާންމު އެއް ރޯގާ އަކީ އަރުދަފުސް ރޯގާ އެވެ. މިކަހަލަ ރޯގާއަކުން ރައްކާތެރިވުމަށްޓަކައި އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުން އާދައަކަށް ހަދާށެވެ. ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކެއް ބޭނުންކުރުންވެސް މުހިއްމެވެ.

އީދު ބަންދަކީ ގިނަ ބަޔަކު އެއްވެގެން ކެއުމުގެ ތަފާތު މުނާސަބަތުތައް ކުރިއަށް ގެންދާ ދުވަސްވަރެކެވެ. މިފަދަ ހަރަކާތްތަކަށް ކެއުންތައް ބައެއް ފަހަރު ތައްޔާރުކުރެވޭ ގޮތުން އަދި އެތަނެއްގައި ހުންނަންޖެހޭ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބޭރަށް ހިންގުން ކަހަލަ ބަލިތައް މިފަދަ ދުވަސްތަކުގައި އިތުރުވެ އެވެ. އެހެންވެ އާންމު ސާފުތާހިރުކަމަށް ސާފުތާހިރު ކަމަށް ސަމާލުވުމުގެ ގޮތުން ކެއްކުމަށާއި ކެއުމަށް ބޭނުންކުރާ ތަކެތި، އާލަތްތައް އަބަދުވެސް ސާފުތާހިރުކޮށް ބަހައްޓަންޖެހެ އެވެ. އަދި ކެއުމުގެ ކުރިން އަދި ކައްކަން ބޭނުންކުރާ ތަކެތީގައި އަތްލާއިރުވެސް އަތް ދޮވުމަށް އިސްކަންދޭންޖެހެ އެވެ.

ސިއްހީ ނުރައްކާ ބޮޑު މީހުންނަށް އަމާޒުކޮށް އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރު އާމިނަތު އަރޫޝާ ވިދާޅުވީ އެފަދަ މީހުން ބަލިތަކުން ސަލާމަތްވުމަށް ހަމަކުރަންޖެހޭ އިންފްލުއެންޒާ އަދި ކޮވިޑް-19ގެ ވެކްސިން ފަދަ ހުރިހާ ވެކްސިންތައް ހަމަކުރުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ.

މަދިރިންޖެހޭ ބަލިތަކުން ދުރުވުމަށް ފިޔަވަޅު އެޅުން

މިއީ ހުޅަނގު މޫސުމުގެ ދުސްވަރަށްވާތީ މަދިރީގެ ޒަރީއާ އިން ޖެހޭ ބަލިތައް އަހަރުގެ މިހާތަނުގައި އަބަދުވެސް އިތުރުވެ އެވެ. އެހެންވެ މަދިރިން ރައްކާތެރިވުމަށް މޮސްކިޓޯ ރެޕެލެންޓް ނުވަތަ މަދިރި އެމީހަކާ ދުރުކޮށްދޭ ފަދަ އެއްޗެއް ގައިގައި އުނގުޅަން އިސްކަންދޭން ޖެހެ އެވެ.

ވިއްސާރަ މޫސުމުގައި ފެން ހެދިފައި ހުންނަ ތަންތަން ގިނަވާތީ މަދިރި އާލާވުމުގެ ފުރުސަތު އިތުރުވާކަން ގަބޫލުކޮށް އެފަދަ ތަންތަން ނައްތާލަންޖެހެ އެެވެ.

މަދިރި އާލާވާ ތަނެއްނަމަ އެތަނެއް ނައްތާލައި، ފެން ހެދޭ ތަންތަން ގަވާއިދުން ސާފުކުރުމަށް ސަމާލުވާށެވެ. މިގޮތަށް އަމަލުކުރުމުގެ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގޫ ހުން އަދި މެލޭރިއާ ފަދަ ބަލިތަކުން ދުރުކޮށްދޭނެ އެވެ.

ހޫނުގަދަ ދުވަސްވަރު އަމަލުކުރާނީ ކިހިނެތް؟

ވިއްސާރައިގެ އިތުރުން ގަދަ ހޫނުން ސަލާމަތްވުމަށްވެސް ސަމާލުވާންޖެހެ އެވެ. އިރުގެ ނުރައްކާތެރި ދޯދިތަކުން ހަންގަނޑު ސަލާމަތްކުރުމަށް ސަންސްކްރީން ބޭނުންކުރަންޖެހެ އެވެ. ހޫނުގަދައިރު ހަށިގަނޑު ވީހާވެސް ބޮޑަށް ނިވާކޮށް، ބޮލުގައި ތޮފި އެޅުން އަދި ކުޑައެއް ބޭނުންކުރުން ރަނގަޅެވެ. ހޫނުގެ ސަބަބުން ހަށިގަނޑުން ފެން މަދު ވުމުން މީހާ ޑީހައިޑްޓްރޭޓް ވެގެން ދިޔުމަކީ ސިއްހަތަށް ނުރައްކާ ވާނެ ކަމެކެވެ. އެހެންވެ ގިނަ ގިނައިން ފެނާއި ދިޔަ އެއްޗެހި ބުއިން އާދަކުރަންޖެހެ އެވެ.

ބަލިވުމުން ކަންކުރާނެ ގޮތް

ގިނަ ބަޔަކަށް ފަސޭހައިން ފެތުރިދާނެ ފަދަ ބައްޔެއް ނުވަތަ ރޯގާއެއްގެ އަސަރު ތިމާގެ ހަށިގަނޑު ހުރި ނަމަ އެހެން މީހުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި މީހުންނާ ގިނައިން ބައްދަލު ނުވާނެހެން ފިޔަވަޅު އެޅުން ރަނގަޅެވެ. އަދި މާސްކު އެޅުމަށް ސަމާލުވާންޖެހެ އެވެ. ގޭގައި ފަސޭހައިން ތައްޔާރުކުރެވޭ އިނގުރު ސައި ފަދަ ބުއިންތައް ބޭނުން ކުރެވިދާނެ އެވެ. ހުން އައިއްސިނަމަ ގަޑިން ގަޑިއަށް ބޭސް ކައިގެން ގޭގައި އަރާމުކޮށްލަންޖެހެ އެވެ. ހުން ތިރި ކުރުމަށް ފެން ފޮތި ބޭނުންކުރުމާއި، ކުރުނބާ ފެން ކަހަލަ ހަށިގަނޑަށް ރަނގަޅު ދިޔާއެއްޗެއްވެސް ބޭނުންކޮށްލާށެވެ. އެކަމަކު ތިން ދުވަހަށް ވުރެ ގިނަ ދުވަލަށް ހުމާއި ރޯގާ ދިގުދެމިގެންދާނަމަ ޑޮކްޓަރަކަށް ދައްކަން ވާނެ އެވެ.