އީވާ އަބްދުﷲ

ގާނޫނުއަސާސީ އާއި ގަވައިދާ ހިލާފެއްނުވަން: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމުގައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިނުވާނެ ކަމަށް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް އަޅުގަނޑު ނާގާބިލޭ ވިދާޅުވެވޭނެ އެއްވެސް އިއްޒަތްތެރި މެންބަރަކު ނީންނަވާނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމުގައި ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އިއްވި ހުކުމާވެސް ހިލާފުވެފައިނުވާނެ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންވެސް ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާ މަޖިލީހުގެ ނައިބް ރައީސް ނެތް ނަމަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅުއްވާފައިވާ ބޭފުޅުންގެ ތެރެއިން ބޭފުޅެއްގެ ރިޔާސަތުގައި އެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އިއްތިފާގުވެފަ އެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ޖަލްސާއަށް ހާޒިރުވެ އިންނެވި ކަމަށާއި ނަމަވެސް ޖަލްސާ ކުރިއަށް ގެންދިޔައީ އެހެން ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ކަމަށެވެ.

އީވާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތުތައް ބަލަހައްޓާފައިވާނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ސިޓީ ފޮނުއްވުމުން ކަމަށެވެ.

"ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތުތައް އަޅުގަނޑު ބަލަހައްޓާފައިވާނީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ އަޅުގަނޑަށް ސިޓީ ފޮނުއްވި ޖަލްސާތައް. ސިޓީ ނުފޮނުއްވާ ހިސާބުން ރިޔާސަތުގައި އިނދެފަ ނޯންނާނެ. އެހެންވީމަ ސުޕްރީމް ކޯޓުގެ ހުކުމަކާ އަޅުގަނޑު ހިލާފުވެފަ ނޯންނާނެ،" އީވާ ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަނީ އެމްޑީޕީގެ އެތެރޭގެ ވިޕްލައިނަކުން ކަމަށާއި މަގާމުން ވަކިކުރަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ބަސް ބުނުމުން ކަމަށްވެސް އީވާ ވިދާޅުވި އެވެ.

އީވާ އިތުރަށް ވިދާޅުވީ އަމިއްލަ މަގާމު ދިފާއުކުރުމަށް އަމިއްލަ މަންފާއަކަށްޓަކާ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތައް "ކަފުންކުރާ" މީހަކަަށް ނުވާނެ ކަމަށެވެ.

"ކުރީ ސަރުކާރުން އަދި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ސަރުކާރުގައި ކުރަމުންދިޔަ ނާޖާއިޒު ކަންކަމަށް އަޅުގަނޑު ބައިވެރި ކީއްކުރަން އަޅުގަނޑު ބީރު ކަންފަތެއް ދިން ނަމަވެސް ނުވަތަ ކަނު ލޮލެއް ދިން ނަމަވެސް އަޅުގަނޑުގެ މި ނައިބު ރައީސްކަމުގެ މަގާމާ ދިމާލަށް ނާންނާނެ ކަމާ ދޭތެރޭގައި ސުވާލެއްވެސް ނެތް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ކާމިޔާބާއި ނާކާމިޔާބު އެކި މީހުން މިނާނީ އެކި ގޮތަށް ކަމަށެވެ.

"ހިޔާނާތުގެ ކުރިމަތީގައި ތިމަންނާމެންގެ މެންބަރު ދުވަހަކުވެސް ފަހަތަށް ޖައްސާ ނުލެވޭނެ. ގަލޮޅު އުތުރަށް އެ ޔަގީންކަން އޮތުން އެއީ އަޅުގަނޑުގެ ކާމިޔާބު. ފައިސާ ފޮއްޗެއް ދިއްކޮށްލައިގެން ދުވަހަކު މީނާ ގުޑުވާ ނުލެވޭނެއޭ އަންނަ ކޮންމެ ވެރިއަކަށް ކަށަވަރުވާ ކަށަވަރުވުން އެއީ އަޅުގަނޑުގެ ކާމިޔާބު،" އީވާ ވިދާޅުވި އެވެ.