ޑރ. މުހައްމަދު މުއިއްޒު

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ޕާކިސްތާނުން އެހީވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ވައުދުފުޅު ހާސިލްކުރުމަށް ޕާކިސްތާނުން އެހީތެރިވުމަށް ނިންމައިފި އެވެ.

ޕާކިސްތާން ސަރުކާރުން މިކަން ހާމަކުރީ ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިއަށްދާ ކޮޕް 28 ސަމިޓްގެ ހަވާސާގައި ޕާކިސްތާންގެ ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގުއާ ކަކަރް، ރައީސް މުއިއްޒުއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އަންވާރުލް ހައްގު ވަނީ މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ.

ޕާކިސްތާނަކީ އެކި ދާއިރާތަކުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެއަކީ ޕާކިސްތާން ސަރުކާރުގެ އެހީގައި އިމާރާތްކޮށްފައިވާ އިމާރާތެކެވެ.