ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ސިފައިން ބޭލުމަށް އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވެއްޖެ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީއާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް މިކަން އިއުލާންކުރައްވާފައި މިވަނީ ޔޫއޭއީގައި ކުރިއަށްދާ ކޮޕް 28 ސަމިޓްގެ ހަވާސާގައި މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރާނީ ޑިޕްލޮމެޓިކް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. މިމަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތާއި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަފާތު މަޝްރޫއުތައް ހަލުވި ކަމާއެކު އަދި ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް ދެ ސަރުކާރު ބައިވެރިވާ ގޮތަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމަށް މޯދީއާ އެކު އެއްބަސްވެވުނު ކަމަށެވެ.

"އިންޑިއާ ސަރުކާރުން އެއްބަސްވެފައިވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުށް. މިހާރު ޓެކްނިކަލް ލެވެލްގެ މަސައްކަތްތައް އެބަކުރެވޭ ދެ ގައުމުގެ ޓެކްނިކަލް ލެވެލްގައި،" ރައީސް ވިދާޅުވި އެވެ.

ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެކެވިފައި ނުވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ ރައީސް ވަނީ އެ ވާހަކަ ދޮގުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަށް މޯދީއަށް ދެންނެވީ ސީދާ އެމަނިކުފާނު ކަމަށާއި އެވަގުތު އަރިހުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންނެވި ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަމުގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހިމަނާފައިވެ އެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު މުއިއްޒު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިންޑިއާ ސަަރުކާރަށް ރަސްމީކޮށް އަންގަވާފަ އެވެ. ނަމަވެސް އެކަން މާއެދެވޭ ގޮތަކަށް އަދި ކުރިއަކަށް ނުދެ އެވެ.

މިސަރުކާރުން ހާމަކުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ.

މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމު ކުރާ ކޮންމެ ގައުމަކާ އެކުވެސް ގާތްގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެފަ އެވެ.