ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރެއްވުމަށްޓަކައި ކުރީގެ ބަންޑާރަނައިބް އައިޝަތު އާޒިމާ ޝުކޫރު ފޯމު ހުށަހަޅުއްވައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި އާޒިމާ މިރޭ ހުށަހެޅުއްވި ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީ އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީޕީއެމް ޕީއެންސީގެ ޓިކެޓަށް އާޒިމާ ފިޔަވާ އިތުރު ބޭފުޅަކު އަދި ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.
މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން ފޯމު ހުށަހެޅުއްވީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެކަނި ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ އެމްޑީޕީގެ ޓިކެޓް ލިބިފަ އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ.
މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު އެވެ.
މާލޭގެ މޭޔަރުގެ މަގާމަށް އާޒިމާއާއި އާދަމް އާޒިމްގެ އިތުރުން ވާދަކުރައްވާނެ ކަމަށް މިިހާތަނަށް އިއުލާންކުރެއްވީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (އެމްއެންއެފް)ގެ ޓިކެޓް ގައެވެ. ނަމަވެސް އެ ޕާޓީ އަދި އޮތީ އުފެއްދުމުގެ މަރުހަލާގައެވެ.