ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް އެއްފަހަރާ ހުށަހެޅުމާ ގުޅިގެން ޕީޖީ އޮފީހުން ފޯރުކޮށްދޭ އެހެން ހުރިހާ ހިދުމަތަކަށް ބުރޫއަރާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިހެން ބުނެފައި މިވަނީ ފެނަކަ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް އިއްޔެ އެކަނިވެސް 3،930 ފޯމު ހުށަހެޅުމާ ގުޅިގެން ކުށުގެ ރެކޯޑް ސާފުކުރަން އޮންލައިންކޮށް ހުށަހެޅުމަށް އޮންނަ ނިޒާމު ތޮއްޖެހި ހިދުމަތްތަކަށް އިއްޔެ ބުރޫއެރުމާ ގުޅިގެންނެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަކީ އާންމު ގޮތެއްގައި އެއް ދުވަހުން ކުށުގެ ރެކޯޑް ސާފުކޮށްދޭ އިދާރާ އެކެވެ.
ޕީޖީ އޮފީހުން ބުނީ އާންމު ގޮތެއްގައި އަހަރަކު 13،000 ފޯމުގެ ކުށުގެ ރެކޯޑް ސާފުކޮށްދޭ ކަމަށެވެ. ފެނަކަ އިން އިއްޔެ އެކަނިވެސް 3،930 ފޯމު ހުށަހެޅި ކަމަށާއި އެއީ ގާތްގަނޑަކަށް އެ އިދާރާއަށް އަހަރަކު ހުށަހަޅާ ޖުމްލަ ފޯމުގެ 30 ޕަސަންޓް ކަމަށެވެ. އެކަމަކު ފެނަކަ އިން ހުށަހެޅި ފޯމުތަކުގެ ތެރެއިން 3،419 ފޯމުގެ ރެކޯޑް ސާފުކޮށްދީފައިވާ ކަމަށާއި އެއީ މުވައްޒަފުން ރޭގަނޑުވެސް އޮފީހުގައި މަސައްކަތްކޮށްގެން ވީވަރު ކަމަށްވެސް ބުންޏެވެ.
"މިއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ މިދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތަގައި އެކަނި ކަމުގައި ހަމަޖައްސައިފީމެވެ. ކޮންމެ ދުވަހަކުވެސް ރަސްމީ ވަގުތު ނިމެންދެން އެ ދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭނަމެވެ. އެއަށްފަހު ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް ފަށާނީ އެވެ،" ފެނަކަ އިން ހުށަހެޅި އެތައްހާސް ފޯމުތަކާ ގުޅިގެން ކުށުގެ ރެކޯޑް ސާފުކޮށްދިނުމަށް ގެނެވުނު ވަގުތީ ބަދަލު ހިއްސާކުރަމުން ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ މިހާރު ހުރި ކުށުގެ ރެކޯޑް ސާފުކުރާ ފޯމުތައް ސާފުކޮށްދީ ނިމުމުން ކުރިންވެސް ހިދުމަތް ދެމުން ގެންދިޔަ ގޮތަށް ދުވަހުން ދުވަހަށް ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅާ ފޯމުތައް ސާފުކޮށްދެމުން ގެންދާނެ ކަމަށެވެ.
"މިފުރުސަތުގައި މިހިދުމަތް ވަގުތީގޮތުން ލަސްވާތީ އާންމުންގެ ކިބައިން މައާފަށް އެދެމެވެ،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ފެނަކަ އަކީ ގާތްގަނޑަކަށް 8،000 އާއި 10،000 އާއި ދޭތެރޭގެ އަދަދަކަށް މުވައްޒަފުން ތިބި ކުންފުންޏެކެވެ. އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އެންގެވީ އެ ކުންފުނިން ބައެއް މުވައްޒަފުން ވަޒީފާ ދީފައިވަނީ ކުށުގެ ރެކޯޑް ސާފުނުކޮށް ކަމަށްވެފައި ފެނަކައިގެ މުވައްޒަފުން ޖިނާއީ ބޮޑެތި ކުށްތަކުގައި ބައިވެރިވެފައިވާ މައްސަލަތަކެއް ފެންމަތިވުމުންނެވެ.