ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ މައްޗަށް ދައުވާކޮށްފި އެވެ.
މ. ކޮކާހަނދުވަރު، މުހައްމަދު ނިމާލްގެ އިތުރުން މި މައްސަލައިގައި ދައުވާ ކުރަނީ ދަފްތަރު ނަންބަރު ރސ 13520، މިންހާޖު ވަހީދުގެ މައްޗަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ނޮވެމްބަރު 2013 އިން ސެޕްޓެމްބަރު 2016 އާ ހަމައަށް މުހައްމަދު ނިމާލް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައިހުރެ އަދި މިންހާޖު ވަހީދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމުގައިހުރެ ފެނަކަ ކޯޕަރޭޝަނުން ކުންފުނިތަކަކާއެކު އެއްބަސްވި އެއްބަސްވުންތަކުގައިވާ މުއްދަތުގައި ދައުލަތަށް މުދާ ލިބިފަނުވާ ކަމަށެވެ. އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފަ ނުވަނީ މި ދެމީހުންގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.
މި މައްސަލައިގައި އިތުރު ދެ މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ނަމަވެސް އެ ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އާއި ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ އެ ދެމީހުންގެ ބައި އަނބުރާ ފޮނުވާލާފަވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.