ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު އެ ކުންފުނީގެ ފައިސާ އިން ވައްކަން ކުރި ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް އެންގުމަށްފަހު ވަޒީފާ އިން ވަކިކޮށްފި އެވެ.
ވަޒީފާ އިން ވަކިކުރި މުވައްޒަފަކީ އައްޑޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެކެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އިން ވަކިކުރީ ކުންފުނީގެ ޕެޓީ ކޭޝްގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމަށް ކަނޑައެޅުމަށްފަހު އެވެ.
މިދިޔަ ބުދަ ދުވަހު ވަޒީފާ އިން ވަކިކުރި މުވައްޒަފު ޕެޓީ ކޭޝް ބެލެހެއްޓުމާ ހަވާލުވީ ވެސް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ވަޒީފާ އިން ވަކިކުރި މުވައްޒަފަށް ފައިސާ ދެއްކުމަށް ދީފައިވަނީ ހަތް ދުވަސް ކަމަށް އެނގިފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަނަކީ އެންޓި ކޮރޮޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކޮށްފައިވާ ކުންފުންޏެކެވެ.