ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބްރޭ) އިސްތިއުފާ ދެއްވައިފި އެވެ.
އިބްރޭ އިސްތިއުފާ ދެއްވުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނަށް ފޮނުވި ސިޓީ އަވަސް އަށް ލިބިފައިވާއިރު އެ ސިޓީގައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއާއި ޗެއާމަން މުހައްމަދު ރަޝީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ކުންފުނި އުފެއްދި މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމަށް ސައީދާއި ރަޝީދަށް ފައިދާވާ ގޮތަށް ހަރަދުކުރުމާއި ފެނަކައިގެ މަސައްކަތްތައް ނަގައިގެން މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރެއިން ސައީދާ ގުޅުން އޮތް ކުންފުނިތަކަށް ފައިސާ ދޫކުރުމާއި، އެހެން ކުންފުނިތަކަށް ފައިސާ ދޫނުކުރުމުން ބައެއް ކުންފުނިތަކަށް ގެއްލުންވާ ކަން ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
މީގެއިތުރުން ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަށް ކަންކަން ކުރުމަށްޓަކައި ކުންފުނީގެ ގަވައިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން އެންގި ނަމަވެސް އެގޮތަށް އަމަލުނުކޮށް ކޮރަޕްޝަންގެ ކަންކަން ފޮރުވަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އަދި ފެނަކައިގެ އެމްޑީގެ މަގާމާ ސައީދު ހަވާލުވިއިރު އޮތީ 680 މިލިއަން ރުފިޔާގެ ދަރަނި ކަމަށާއި ނަމަވެސް ރަޝީދުއާއި ސައީދުގެ ނާގާބިލުކަމުން ދަރަނީގެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށްވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
އިބްރޭގެ އިސްތިއުފާއާއި އޭނާ ކުރެއްވި ތުހުމަތުތަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ފެނަކައިގެ އެމްޑީ އަހްމަދު ސައީދު މިއަދު ވަނީ އިބްރޭގެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަދި އިބްރޭގެ އިސްތިއުފާ ގަބޫލުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ ވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އިބްރޭ އިސްތިއުފާ ދެއްވި ނަމަވެސް އެ މައްސަލައިގައި މީޑިއާގައި ވާހަކަދައްކަވާފަކަން އޭނާ ބޭނުންފުޅެއް ނުވެ އެވެ.
އިބްރާހީމް ވަހީދަކީ އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަންގެ ނައިބްގެ އިތުރުން އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އެވެ. ސައީދު އަކީ އެމްޑީޕީގެ ގައްދޫ ދާއިރާގެ ރައީސް އެވެ.