އެމްޑީޕީ

ކުށްކުރުން އިތުުރުވެފައިވާތީ ސީޕީ އައްޔަންކުރުން އަވަސްކުރަން ގޮވާލައިފި

ރާއްޖޭގައި ކުށްކުރުން އިތުރުވެފައިވާތީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުން އަވަސްކުރުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލާފައި މިވަނީ މާލެއާއި އައްޑޫގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސިލްސިލާ މާރާމާރީތަކެއް ހިންގާ ބަޔަކު ޒަހަމްކޮށްލާފައި ވަނިކޮށެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އަމާންކަން ގެއްލި އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ ދިވެހި އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަަށެވެ. ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގައިމު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީން ވަކާލާތު ކުރާ އަބުރުވެރި ދިރިއުޅުމުގައި ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭ ކަމަށެވެ. އަމާން ރާއްޖެއެއްގެ ހިޔާ ދަށުގައި، ފިކުރު ބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އަމާޒުކޮށް ބަޔާނުގައި ބުނެފައިވަނީ މާޒީގައިވެސް ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށް ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔަ ކަމަށް ބުންޏެވެ. މި ސަރުކާރުގެ އަމަލުތައްވެސް ހުރީ ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި އަމަލުތައް ހުރި މަގުން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަން ޕާޓީ އިން ފާހަގަކުރަމެވެ. މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެކެވެ. ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީއިން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ ނިމިގެންދިޔަ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށެވެ. އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މި ޕާޓީން ގޮވާލަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.