ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުގައި ހުރި މައިކްރޯ ފޯނަކަށް ގެއްލުންދީފައިވާތީ އެ މެންބަރަށް ފިޔަވަޅު އެޅުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޖާބިރު އިއްޔެގެ ޖަލްސާގައި މައިކްރޯ ފޯނު ގެއްލުން ދިނުމުގެ ސަބަބުން ބަދަލުކުރަންޖެހޭ ވަރަށް އެ ހަލާކުވެފައިވާ ކަމަށެވެ.
"އެގޮތުން އެ މެންބަރުގެ މޭޒުކޮޅުގައި ބެހެއްޓިފައި ހުރި މައިކްރޯ ފޯނު ބަދަލުކުރަންޖެހޭ ވަރަށް ހަލާކުވެ އެ މައިކްރޯ ފޯނު ބަދަލުކުރުމަށް 5،100 ރުފިޔާ ހަރަދުވާނެ ކަމަށް މަޖިލީހުގެ އިދާރާގެ ޓެކްނިކަލް މުވައްޒަފުން ވަނީ މައުލޫމާތު ދެއްވާފަ،" އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައި އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މެންބަރުން އަމަލުކުރަންޖެހޭނެ ސުލޫކީ މިންގަނޑާއި ހިލާފަށް ނުވަތަ ގާނޫނާއި ގަވާއިދާ ހިލާފަށް މެންބަރަކު ކަމެއް ކޮށްފިކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައި އެކަމެއް ބަލައި ތަހުގީގުކޮށް ގަވާއިދާ ހިލާފުވި މެންބަރުންނާމެދު އަޅަންވީ އިސްލާހީ ފިޔަވަޅުތަކުގެ ލަފާ މަޖިލީހުގެ ރައީސަށް އެރުވުން ހިމެނިފައިވާތީ މިކަމާ ގުޅޭ ގޮތުން އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ލަފާއަށް އަރުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ މުދަލާއި ތަކެއްޗަކީ ދައުލަތުގެ މުދަލާއި ތަކެތިކަން ފާހަގަކޮށް އެތަކެއްޗަށް ގެއްލުން ނުދިނުމަށް އަސްލަމް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު އަޑުގަދަ ކުރެއްވުމުން ނަން އިއްވެވި ނަމަވެސް މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގެންފައިނުވެ އެވެ.