އެމްޑީޕީން އިސްނަގައިގެން، މިރޭ ބޭއްވުމަށް ނިންމާފައިވާ، ހުރިހާ ޕާޓީތައް ބާއްވާ މަޝްވަރާ ބައްދަލުވުން ނޫނީ އޯލް ޕާޓީ ޓޯކްސްއަށް އެމްޑީޕީ އާއި ޖޭޕީ ފިޔަވާ ދެން ހުރި ޕާޓީތަކުން ބައިވެރި ނުވާން ނިންމައިފި އެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވެރިކަން ކުރާ ޕީޕީއެމް ފިޔަވާ އެހެން ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ކަމަށް ބުނެ ޖޭޕީގެ މައި ހަރުގެ ކުނޫޒުގައި މިރޭ ފަށަން ނިންމާފައިވާ މަޝްވަރާތަކާ ގުޅޭ ގޮތުން، އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެމްޑީޕީ އާއި ޖޭޕީއާ އެކު އެއް މޭޒެއްގެ ދަށަށް މަޝްވަރާއަށް ދިޔުމަށް އަދި ނިންމާފައި ނެތް ކަމަށެވެ.
"އަވަސް" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މަޝްވަރާތަކުގައި ޑީއާރުޕީން ވެސް ބައިވެރި ނުވާން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް އެ ޕާޓީގެ ލީޑަރު ރަށުގައި ނޫޅުއްވާތީ އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އެމްޑީޕީން ބުނީ އެ މަޝްވަރާތަކުގެ މަގުސަދަކީ ރާއްޖޭގެ މަސްރަހު ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކުގެ ސަބަބުން ހަލަބޮލިވެފައި މިވާ ދަނޑިވަޅުގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާހަކަ ދައްކައިގެން ރާއްޖެއަށް އޮތް އެންމެ ރަގަނޅު ގޮތަކީ ކޮބައިތޯ ބެލުމާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ކުރެވޭނީ ކޮންކޮން ކަންކަމެއްތޯ ބެލުން ކަމަށެވެ.
އެ މަޝްވަރާތަކުގައި އެމް.ޑީ.ޕީން ބައިވެރިވަނީ ޕާޓީގެ ޗެއާރޕާރސަން އަލީ ވަހީދު، އާއި ޕާރލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހް އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މާރިޔާ އަޙުމަދު ދީދީ އާއި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޝާހިދު އަދި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބެވެ. ޖޭޕީގެ ފަރާތުން ބައިވެރި ވަނީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކަނޑިތީމު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި ރައީސް މައުމޫންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި އަބްދުﷲ ކަމާލުއްދީން އަދި ޑރ. ހުސައިން ރަޝީދެވެ.