ޑރ. މުހައްމަދު މުއިއްޒު

މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ ހޯދާނަން: ރައީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސީޓްރެކް ބިލްޑިންގައި ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދުކުރި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށްފަހު ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ ހޯދާނީ ޕީއެންސީ އިން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ޕީއެންސީ އިން ކުރަނީ ގައުމީ މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން މިމަސައްކަތުގައި އެއްވެސް މީހަކު ތަފާތު ނުވާނެ ކަމުގައި ވިދާޅުވި އެވެ.

ޕީއެންސީގެ އޮފީސް މީގެކުރިން ހިންގަމުން ދިޔައީ ވެރިކަން ކުރާ ކޯލިޝަންގައި އޮތް މައި ޕާޓީ -- ޕީޕީއެމްގެ އޮފީސް ކުރިން ހިންގަމުންދިޔަ ހ. ހުރަފަ ގައެވެ.

ނަމަވެސް ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވި ފަހުން އެމަނިކުފާނާއި ރައީސް އަބްދުﷲ ޔާމީނާ މައްސަލަ ޖެހި ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމާ އެކު ހ. ހުރަފާގެ ވެރިފަރާތުން ވަނީ އެ އިމާރާތުން ޕީޕީއެމް އާއި ޕީއެންސީ ނިކުތުމަށް އަންގާފަ އެވެ.

އެ އެންގުމާ ގުޅިގެން ޕީއެންސީގެ އޮފީސް ފުރަތަމަ ހިންގީ މާލޭގެ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުންނަ ދޮންމަނިކުވިއު ރެސްޓޯރަންޓް ހުރި އިމާރާތުގެ ތިރީގައެވެ.

ޕީއެންސީ އިން ވަނީ މިއަހަރު ނިމުމުގެ ކުރިން އެ ޕާޓީގެ މެންބަރުންގެ އަދަދު 40،000 އިން މައްޗަށް ގެންދިއުމަށް ހަރަކާތްތަކެއް ވެސް ފަށާފަ އެވެ.