ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 886 މިލިއަން ރުފިޔާ ޖަމާކޮށްފި

ދިވެހި ސަރުކާރުން ނަގާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ރައްކާ ކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް މިއަހަރުގެ މިހާތަނަށް 886.7 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

އެސްޑީއެފްއަށް މިއަހަރު ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރީ 871.4 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް 15.3 މިލިއަން ރުފިޔާ ވަނީ ފަންޑަށް ޖަމާވެފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެސްޑީއެފްއަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވަނީ 738 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ސޮވްރިން ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް މިއަހަރު ގެނައި އިސްލާހާއެކު އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

އޭގެ ކުރިން އެސްޑީއެފް ބަލަހައްޓަމުން ގެންދިޔައީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.