ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައިވާ ބާއްވާ ޕްރައިމަރީގެ ތާރީހް އަވަސްކޮށްފި އެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ޕްރައިމަރީއަށް ކުރިމަތިލުމަށް ކުރިން ހުޅުވާލީ މިމަހުގެ 20 އިން 31 އަށެވެ. ޕްރައިމަރީ ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހެވެ.
ޕީޕީއެމް ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕްރައިމަރީގެ ތާރީހާއި ޕްރައިމަރީއަށް ކުރިމަތިލުމަށް ކުރިން އޮތް ތާރީހް އަވަސްކޮށްފައިވާ ކަމަށް ހާމަކޮށްފަ އެވެ.
މިހާރު އޮތް ގޮތުން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:
- ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީގައި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހިމެނިފައިވުން
- ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަނުކުރެވޭ ފިޔަވަޅެއް އަޅާފައި ނުވާ ފަރާތަކަށްވުން
- ގާނޫނު އަސާސީންނާއި ގާނޫނުތަކުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޓެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހުރުން
ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ހަމަކުރުމުގައި ބަލާނެ ކަންތައްތައް:
- އަބުރުވެރި ނަޒާހަތްތެރި ފަރާތެއް ކަމުގައިވުން
- މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- ގާނޫނުތަކާއި ގާނުނީއަސާސީއަށް ފަރިތަ މިންވަރު
- ޕާޓީއަށް ހިދުމަތްކޮށްފައިވާ މިންވަރު
ޕީޕީއެމް ޕީއެންސީން ބުނި ގޮތުގައި ޕްރައިމަރީގައި ވޯޓު ލެވޭނީ މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެ ޕާޓީން ކުރެ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.