އޭޑީއެފް

އެއާޕޯޓް ޓެކުހުން 1.7 ބިލިއަން ރުފިޔާ

އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން މިއަހަރުގެ މިހާތަނަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް އޭޑީއެފްގެ ގޮތުގައި ދައުލަތައް 873.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 847.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އޭޑީއެފްގެ ގޮތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 738 މިލިއަން ރުފިޔާ އެވެ. ޑިޕާޗާ ޓެކުހުގެ ގޮތުގައި މި މުއްދަތުގައި 721.8 މިލިއަން ރުފިޔާ ލިބުނެވެ.

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި މީގެ ކުރިން ނަގަމުންދިޔަ އެއާޕޯޓް ސާވިސް ޗާޖު އުވާލީ ޑިސެމްބަރު 31، 2021 ގަ އެވެ. އެއާޕޯޓް ސާވިސް ޗާޖު އުވާލުމަށްފަހު ޑިޕާޗާ ޓެކްސް ނަގަން ފަށާފައިވަނީ ޖެނުއަރީ 2022 އިން ފެށިގެންނެވެ.

ޑިޕާޗަރ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ޑިޕާޗާ ޓެކުހުން އިސްތިސްނާވާނެ އެވެ.

އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން އޭޑީއެފް އިން އިސްތިސްނާވާނެ އެވެ.