އޭޑީއެފް

އެއާޕޯޓު ޓެކުހުން 947 މިލިއަން ރުފިޔާ

އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކުހުން ދައުލަތަށް 947.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ހަފުތާގެ ތަފާސްހިސާބުތައް ދައްކާ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަ އޭޑީއެފްގެ ގޮތުގައި 480.9 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 466.5 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

އެއާޕޯޓު ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 26.5 ޕަސަންޓް އިތުރުވުމެކެވެ.

އޭޑީއެފްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 480.9 މިލިއަން ރުފިޔާއެވެ. އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނީ 466.5 މިލިއަން ރުފިޔާ އެވެ.

އޭޑީއެފްގެ ގޮތުގައި 870.6 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 870.6 މިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޗާޖް މިހާރު ވަނީ އުވިފަ އެވެ. އެއާޕޯޓް ސާވިސް ޗާޖު އުވުނީ ޑިސެމްބަރު 31، 2021 އިން ފެށިގެން ނެވެ. އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި މިިހާރު ނަގަނީ ޑިޕާޗާ ޓެކުހެވެ. އެ ޓެކްސް ނަގަން ފެށީ ޖެނުއަރީ 2022 އިން ފެށިގެންނެވެ.

އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މީގެ ތެރޭގައި ޓްރާންސިޓް ފަސިންޖަރުންވެސް ހިމެނެ އެވެ. މި ފީ އިން އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.

ގާނޫނަށް އިސްލާހު ގެނެސް، އޭޑީއެފް ނަގާ ރޭޓަށް ޖެނުއަރީ އެކެއް، 2022 އިން ފެށިގެން ވަނީ ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އިނޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ނަގާއިރު ބިދޭސީއެއް ނަމަ 30 އެމެރިކާ ޑޮލަރު ނަގަ އެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުން އަތުން 60 ޑޮލަރު ނަގާއިރު ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރު ނަގަ އެވެ. ޑިޕާޗާ ޓެކްސް ވެސް ނަގަނީ އެ ރޭޓުގަ އެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ޑިޕާޗާ ޓެކްސް ވެސް ނަގަން ފެށީވެސް ޖެނުއަރީ އެކެއް 2022 އިން ފެށިގެންނެވެ. މިއީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެ އެވެ.