ދައުލަތުގެ އާމްދަނީ

އޭޑީއެފް އާއި ޑިޕާޗާ ޓެކްސްއިން އެއް ބިލިއަން ރުފިޔާ

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހުގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި ދައުލަތަށް 528.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 262.2 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް 519.7 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ޑިޕާޗާ ޓެކުހުން ލިބުނީ 256.5 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން މިއަހަރަށް ހުށަހެޅި ބަޖެޓުގައި، ޑިޕާޗާ ޓެކުހުން ދައުލަތަށް 769.2 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައިވެސް 769.2 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މީގެ ތެރޭގައި ޓްރާންސިޓް ފަސިންޖަރުންވެސް ހިމެނެ އެވެ. މި ފީ އިން އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.

ގާނޫނަށް އިސްލާހު ގެނެސް، އޭޑީއެފް ނަގާ ރޭޓަށް މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އިނޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ނަގާއިރު ބިދޭސީއެއް ނަމަ 30 އެމެރިކާ ޑޮލަރު ނަގަ އެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުން އަތުން 60 ޑޮލަރު ނަގާއިރު ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރު ނަގަ އެވެ. ޑިޕާޗާ ޓެކްސް ވެސް ނަގަނީ އެ ރޭޓުގަ އެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ބަދަލުގައި ޑިޕާޗާ ޓެކްސް ވެސް ނަގަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނެގޭ ޓެކުހެކެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، މި ޓެކުހުން އިސްތިސްނާވާނެ އެވެ.

އެއްވެސް އެއާލައިނަކުން ނުވަތަ އެއާޕޯޓް އޮޕަރޭޓްކުރާ ފަރާތަކުން ގާނޫނާއި ގަވައިދުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ އިތުރަށް ފަސިންޖަރެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ނުވަތަ ޑިޕާޗާ ޓެކްސް ނަގައިފައިވާނަމަ، އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއާޕޯޓް ޓެކްސްއާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން އެ ފައިސާ އެ ފަސިންޖަރަށް އަނބުރަ ދައްކަންޖެހެ އެވެ. މި މުއްދަތުގެ ތެރޭގައި އެ ފައިސާ އަނބުރާ ފަސިންޖަރަށް ދައްކާފައި ނުވާނަމަ އެ ފައިސާ މީރާއަށް ދައްކަންވާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.