ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ރައީސްގެ ކޮއްކޮ ސައުދާ މަޖިލީހަށް ކުރިމަތިލައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ނިލަންދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ -- ފާތިމަތު ސައުދާ ފޯމު ހުށަހަޅުއްވައިފި އެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމަށް މިރޭ ފޯމު ހުށަހެޅުއްވި ކަމަށް ސައުދާ އަވަސްއަށް އެކަން ޔަގީންކޮށްދެއްވާފަ އެވެ.

އަވަސްއަށް މިރޭ މައުލޫމާތު ދެއްވަމުން ސައުދާ ވިދާޅުވީ މަޖިލީހަށް ވާދަަކުރުމުގެ ޝައުގުވެރިކަން އުފެދުނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް މަޖިލީހުގެ ތެރެއިން ސަރުކާރާ ވެސް ގުޅިގެން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އަދި މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތުމަކީވެސް ކުރިމަތިލެއްވި ސަބަބެއް ކަމަށް ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާ އިހްތިޔާރު ކުރެއްވީ ކީއްވެގެންތޯ ދެންނެވުމުން ސައުދާ ވިދާޅުވީ އެ ދާއިރާގެ ރަށްތަކުގައި ވަރަށް ގާތް ރަހްމަތްތެރި ބޭފުޅުން ގިނަވުން އެއީ އެ ދާއިރާ އިހްތިޔާރު ކުރެއްވި މައިގަނޑު އެއް ސަބަބު ކަމަށެވެ.

"ދެވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަވޭ މެދު ރާއްޖެ ތެރޭގައި ނިލަންދޫ ދާއިރާ އަކީ ސަރުކާރުގެ ތަކުގެ އަޅާލުން ކުޑަ ދާއިރާއެއް ގޮތުގައި. އެހެންކަމުން އެ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކޮށްދެވިދާނެ ކަމަށް ގަބޫލުކުރެއްވީތީ އެގޮތަށް ނިންމީ،" ރައީސް އެއްބަނޑު ކޮއްކޮ ވިދާޅުވި އެވެ.

ނިލަންދޫގައި ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންގެ ފަރާތުން އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދާ ނިލަންދޫ ދާއިރާއަށް ކުރިމަތިލެއްވީ ރައީސް ޑރ. މުއިއްޒާއި ނިލަންދޫއަށް ނިސްބަތްވާ މިހާރުގެ ހެލްތު މިނިސްޓަރު އަދި ނިލަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލްގެ ފުރިހަމަ ތާއީދާ އެކު ކަމަށެވެ.

"ޑރ. ޚަލީލް އަކީ ރަށުގައި ބޮޑު އާއިލާއަކަށް ނިސްބަތްވާ ބޭފުޅެއްގެ އިތުރުން ރަށުގެ ގިނަ ބައެއްގެ އިހްތިރާމާއި ލޯބި އޮތް ބޭފުޅެއް. އަނެއް ކަމަކީ ނިލަންދޫ ދާއިރާ އަކީ ވަކިން ހާއްސަކޮށް ނިލަންދޫ އަކީ އަބަދުވެސް ޕީޕީއެމް ޕީއެންސީގެ މައި ކިއްލާއެއް. އެހެންކަމުން ޕީޕީއެމް ޕީއެންސީގެ ޓިކެޓް ލިބިގެން ސައުދާ ވަޑައިގެންފިނަމަ މިދާއިރާއިން ސައުދާ ހޮވޭނެ،" ޑރ. ހަލީލްއާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ނިލަންދޫ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ނިލަންދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުލްމުހުސިން ހަމީދުވެސް ކުރިއަށް އޮތް އިންތިހާބުގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވަ އެވެ.